English Edition
Dhivehi Edition
ކިނާރީ ގަތަން ދަސްކޮށްދޭ ކޯސް ފެށުމުގެ ރަސްމިއްޔާތު: ފޮޓޯ ހޮރައިޒަން އެކަޑަމީ

އައްޑޫސިޓީ ގައި ކުރަމުންއައި އިހުގެ ޒަމާންވީ ދިވެހި މަސައްކަތެއްކަމަށްވާ ކިނާރީ ވިޔަން ދަސްކޮށްދޭ ކޯހެއް އައްޑޫގައި ފަށައިފިއެވެ. ހިތަދޫ ހޮރައިޒަން އެކަޑަމީން ހިންގާ މިކޯހުގައި 11 ފަރާތަކުން ބައިވެރިވެފައިވެއެވެ. ކޯސް ފެށުނީ ޖޫން 29 ވަނަ ދުވަހުގެރޭ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ކިނާރީ ކޯސް ފައްޓަވައިދެއްވީ ސިމްޑީ ގްރޫޕްގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާއެވެ. ކިނާރީ ކޯސް ފައްޓަވައި ދެއްވަމުން ޝަކީލާ ވިދާޅުވީ އައްޑޫގެ ކާބަފައިންގެ ދިރިއުޅުމުގެ ބޮޑުބައެއް ގުޅިލާމެހިފައިވާ ކަސަބުލިބާހުގެ ކިނާރީ ހަދަން ދަސްވުމަކީ އުވިގެއްލިފައިވާ މި މަސައްކަތް އަލުން ދިރިގެންދާނެ ކަމަކަށްވާތީ އައްޑޫއަށް އުފަން ރައްޔިތެއްގެ ޙައިސިއްޔަތުން އުފާކުރައްވާ ކަމަށެވެ.

ހޮރައިޒަން އެކަޑަމީން ދިވެހި ސަގާފަތާ ގުޅުންހުރި މިފަދަ މުހިންމު މަސައްކަތެއް އައްޑޫގެ ޒުވާނުންނަށް ދަސްކޮށްދެއްވުމަށް އިސްނެންގެވީތީ ޝަކީލާވަނީ ހޮރައިޒަން އެކަޑަމީގެ ބާނީ ޙައްވާ ރާމިޒާގެ ދެކަނބަލުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ކިނާރީ ކޯސްފެށުން/ފޮޓޯ ހޮރައިޒަން އެކަޑަމީ

ފީއެއް ނަގައިގެން ހިންގާ މިކޯހުގައި ކިނާރީ ވިޔާ ހަރާއި މަސައްކަތަށް ބޭނުންވާ އާލާތް ކޯސްނިމެންދެން ހިލޭ ބޭނުންކުރެވޭނެ ކަމަށް މިކޯހުގައި ކިޔަވައިދެއްވާ ހިތަދޫ އަސޭމިރުސްގޭ ޢަލީ ޝިހާބު ވިދާޅުވިއެވެ. ހޮރައިޒަން އެކަޑަމީވެސް ހިންގާ އެޢާއިލާއިން މުޅިން އަލަށްފެށި މިމަސައްކަތަކީ ދިވެހިންގެ މުއްސަނދި ސަގާފަތް ދިރުވާ އާލާކޮށް އެރޮނގުން ޚިދުމަތް ކުރުމާއެކު ފައިދާހުރި މަސައްކަތެއް ދިވެހި ޒުވާނުންނަށް ދަސްކޮށްދިނުމުގެ މަޤްސަދުގައި ހިންގާ ކޯހެއްކަމަށް ޝިހާބު ވިދާޅުވިއެވެ.

ކޯސް ކުރިއަށްދާނީ ބައިވެރިންނަށް ކިނާރީ ގަތާނެ ގޮތުގެ ހުރިހާ މަޢުލޫމާތުތަކެއް ފޯރުކޮށްދީގެން ވަކި މުއްދަތެއް ނެތި މަސައްކަތް ދަސްވަންދެންނެވެ. މިކޯހުގައި އަދިވެސް ޖާގައޮތުމާއެކު މިކަމަށްޝައުގުވެރިވާ ފަރާތްތަކަށް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ޢާންމުކޮށްވަނީ ހުޅުވާލާފައެވެ.

މިހާރަކަށް އައިސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަތުރުވެރިންގެ މެދުގައިވެސް ބޮޑު ތަރުޙީބެއް އޮންނަ ކަސަބު ލިބާހުގެ އަގުބޮޑު މިމަސައްކަތަށް ބޭނުންވާ ތަކެތި ކޯސް ހިންގާ ފަރާތުން ފޯރުކޮށްދޭއިރު، މިކޯހުގައި ބޭނުންކުރާ ޚާއްސަ އާލާތް ހިމެނޭ ގަތާ ހަރާއި، ޓޫލް ކިޓް ވެސް ހޮރައިޒަން އެކަޑަމީން ގަންނަން ލިބެންހުރެއެވެ.