English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ފާސްކޮށްފައިވާ ގާނޫނުގެ ހަތް ވަނަ މާއްދާ އިސްލާހުކޮށްދިނުމަށް، އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބް އެދިވަޑައިގެންފި އެވެ.

ގާނޫންގެ 07 މާއްދާގައި ބުނާ ގޮތުން އިންތިހާބު ބާއްވަން ޖެހޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ. އަދި އެ ގާނޫނު ބުނާ ގޮތުން އިންތިހާބު ބާއްވަން ޖެހޭނީ އިންތިހާބު ބޭއްވުމަކީ ސިއްހީ ކުއްލި ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާއިން ކަނޑައެޅުމުންނެވެ.

ކުރިއަށް އޮތް 2021 ވަނަ އަހަރު މާރިޗްމަހުގެ ހަވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާއިރު އެޗްޕީއޭ އިން ބުނެފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފި ނަމަ ބަލި ކޮންޓްރޯލް ކުރަން އުނދަގޫވެދާނެ ކަމަށެވެ.

އަންނަ އަހަރުވެސް އިންތިހާބު ބޭއްވިދާނެކަމާއި މެދު ހިޔާލުތަފާތުވުންތައް އުފެދިފައިވާ މި ދަނޑިވަޅު ރައްޔިތުންގެ މަޖިލީހާއި، އީސީ، ރައީސް އޮފީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވައި ހަބީބް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ގެ 170 ވަނަ މާއްދާގައި ބަޔާންކުރާ އިންތިހާބު ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދެއްވުމަށްޓަކައި، ގާނޫނު ނަންބަރު 2020/3 ގެ 7 ވަނަ މާއްދާ އަވަހަށް އިސްލާހްކޮށްދެއްވަން އެދޭކަމަށެވެ.

މިއަހަރުގެ އެޕްރީލް މަހު ބާއްވަން ތާވަލް ކުރި އިންތިހާބު ކޮވިޑް19 ގެ ސަބަބުން ފަސް ކުރީ ހާއްސަ ގާނޫނެއްގެ ދަށުންނެވެ.