English Edition
Dhivehi Edition

ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އިނގިރޭސީން ބޭނުންކުރި ބްރިޓިޝް ލޯޔަލްޓީ ތެޔޮ ޓޭންކަރު ފައްތާލި ހާދިސާއަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް އައްޑޫސިޓީގައި ބާއްވާ ޑައިވިން ހަރަކާތުގައި ޑައިވްކުރުމުގެ ފުރުސަތު ރާއްޖޭގައި ހަރަކާތްތެރިވާ ކޮލިފައިޑް ޑައިވަރުންނަށް ހުޅުވާލައިފިއެވެ.

ނަލަފެހި މީދޫ ޖަމްޢިއްޔާއިން އިސްނަގައިގެން އައްޑޫ ސިޓީ ކައުންސިލާއި، ސަރުކާރުގެ އިދާރާތަކާއި، އައްޑޫސިޓީގެ ޑައިވް ސެންޓަރ ތަކާއި ޓުވަރިޒަމްގެ ދާއިރާގެ ރިސޯޓް އަދި ގެސްޓްހައުސްތަކާއި އައްޑޫގައި އުފެދިފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެން، މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖަނުއަރީ މަހުގެ 05 ވަނަ ދުވަހުގައެވެ.

ޑައިވިން ޑެސްޓީނޭޝަނެއްގެ ގޮތުގައި ދިވެހި ރާއްޖޭގެ ޓުވަރިޒަމް ޕްރޮމޯޓްކުރުމުގެ ގޮތުން ބާއްވާ މި އިވެންޓާއި ގުޅޭގޮތުން ‘ބްރިޓިޝް ލޯޔަލްޓީ ޑައިމަންޑް ޖުބުލީ ސްޓިއަރިން ކޮމިޓީ’އިން ކުރި އިއުލާނެއްގައި ބުނީ 05 ދުވަހު ހެނދުނު މަރަދޫ ބަނދަރުގައި ބޭއްވޭ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު 75 ޑައިވަރުން ‘ބްރިިޝް ލޯޔަލްޓީ’ރެކަށް ޑައިވްކޮށް އެ މަންޒަރުތައް ކަނޑު އަޑިންނާއި ޑްރޯން މެދުވެރިކޮށް ފޮޓޯ ނަގާ އެ ވަގުތު ދުނިޔެއަށް އާންމުކުރާނެކަމަށެވެ.

މި އިވެންޓްގައި ޑައިވްކުރުމަށް ބޭނުންވާ ރާއްޖޭގެ ކޮލިފައިޑް ޑައިވަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު ،މި ހަރަކާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން [email protected] އަށް މެއިލް ކުރުމަށް ސްޓިއަރިން ކޮމިޓީއިންވަނީ އެދިފައެވެ. އަދި މި އިވެންޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފުރިހަމަ ނާމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއިގުޅޭނެ ނަންބަރު ގެ އިތުރުން ޑައިވިން ރޮނގުން ލިބިފައިވާ ކޮލިފިކޭޝަން ހުށަހަޅަންޖެހޭކަމަށް ކޮނިޓީއިންވަނީ ބުނެފައެވެ

މީގެ އިތުރުން މިކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 7775371، 7595656 އަދި 7701135 އަށް ގުޅުމަށްވެސް އެ ކޮމިޓީއިންވަނީ އެދިފައެވެ.