English Edition
Dhivehi Edition
ބްރިޓިޝް ލޯޔަލްޓީ މޮޑެލް އައްޑޫސިޓީގެ މޭޔަރަށް ވެދުން ކުރަނީ

ކޮންމެ އަހަރަކުވެސް ޖެނުއަރީ 5 ވަނަ ދުވަހު އައްޑޫސިޓީގައި ކުލަގަދަ ޑައިވް ޙަރަކާތެއް އޮންނާނެ ކަމަށް އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސާދިޤު ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވީ ބްރިޓިޝް ލޯޔަލްޓީ އައްޑޫސިޓީގެ އެތެރެވަރިއަށް ފައްތާލިތާ 75 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޑައިވް އިވެންޓްގެ އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މަރަދޫ ބަނދަރުގައި އޮތް މި ރަސްމިއްޔާތުގައި މޭޔަރ ވިދާޅުވީ ތާރީޚީ ބޮޑު ޙާދިސާއެއް ހިމެނޭ މިތެޔޮ ޓޭންކަރަށް މިއަދު 75 އަހަރު ވެގެންދާއިރު މިތަނަކީ އައްޑޫސިޓީއަށް ލިބިފައިވާ މުއްސަނދި ފަރެއްކަމަށާއި މިތަނުގެ ރީތިކަމާއި ތަނަށް ލިބިފައިވާ ޤުދުރަތީ މުއްސަނދި ކަމުގެ ސަބަބުން އައްޑޫއަށް ޒިޔާރަތް ކުރުމުގެ ޝައުޤު ފަތުރުވެރިންގެ މެދުގައި ބޮޑުވެ އޭގެ ނަތީޖާއެއްގެ ގޮތުން އައްޑޫސިޓީގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.

މުޅި އަހަރަށް ބަހާލައިގެން އައްޑޫސިޓީގެ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް މިއަހަރު ގިނަ ހަރަކާތްތަކެއް ރާވަން ނިންމާފައިވާކަން ފާހަގަ ކުރައްވަމުން މޭޔަރ ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ޓޫއަރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުސޫމުގެ އަރިހުން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް އައްޑޫސިޓީގައި ބޭއްވުމުގެ ޝަރަފް އެސިޓީއަށް ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

” 2021 ގެ ފެށުން މިއައީ އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް މުޅި އަހަރަށް ބަހާލައިގެން ހިންގޭ ހަރަކާތްތަކެއްގެ ފެށުމާއެކު.މިއަހަރު އައްޑޫސިޓީގައި ފަތުރުވެރިކަމާއި ގުޅުންހުރި ޚާއްސަ ޙަރަކާތްތަކެއް ހިންގަން ރާވާ އިރު ރައްޔިތުންގެ ފަރާތުން އަޅުގަނޑު އެދެނީ ސެޕްޓެމްބަރ 27 ގައި ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހުގެ ޙަރަކާތްތައް އައްޑޫގައި ބޭއްވުމުގެ ޝަރަފް އައްޑޫއަށް ހޯއްދަވައި ދެއްވުން”

މޭޔަރ ޢަބްދުﷲ ސާދިގު

ޓުއަރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުސޫމު ވަނީ މޭޔަރުގެ އެ އެދިވަޑައިގަތުމަށް އިޖާބަ ދެއްވައި އައްޑޫގައި އެދުވަސް ފާހަގަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ފަތުރުވެރިކަމުގެ ދުވަހުގެ ހަރަކާތް މިއަހަރު އައްޑޫގައި ބާއްވައިފިނަމަ މިކަން ވެގެންދާނީ މިއަހަރު އައްޑޫގައި ބޭއްވޭ ފަތުރުވެރިކަމާ ގުޅޭ އެންމެ ބޮޑު އިވެންޓްގެ ގޮތުގައެވެ. އަދި މިއީ އައްޑޫސިޓީގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރަށް ވެސް ވެގެންދާނެއެވެ.