English Edition
Dhivehi Edition
ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް/ފޮޓޯ އެކުއަވެންޗާ މޯލްޑިވްސް

އައްޑޫސިޓީގައި ބައްވާ ބްރިޓިޝް ލޯޔަލްޓީ ޑައިވް އިވެންޓް މިއަދު ހެނދުނު 9 ޖަހާއިރު ފަށާނެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭ އައްޑޫގެ ފަޅަށް ފައްތާލި ބްރިޓިޝް ލޯޔަލްޓީ އަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް 75 ޑައިވަރުންނާއެކު މިއަދު އޮންނަ މި އިވެންޓްގައި ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެ ވަޑައިގަންނަވައެވެ. މިއިވެންޓްގައި އައްޑޫސިޓީގެ ޑައިވަރުންގެ އިތުރުން ފުވައްމުލަކުގެ ޑައިވަރުންވެސް ބައިވެރިވާނެއެވެ.

މިޙަރަކާތަށް އެކި ސަރަޙައްދުތަކުން ގިނަޢަދަދެއްގެ މެހްމާނުން އައްޑޫސިޓީއަށް ޒިޔާރަތްކުރާއިރު އިއްޔެވަނީ ޓުއަރިޒަމް މިނިސްޓަރާއި ވަފްދުގެ ބޭފުޅުންވެސް އައްޑުއަށް ވަޑައިގެންފައެވެ.

މިއަދު 9 ޖަހާއިރު ބްރިޓިޝް ލޯޔަލްޓީ ޑައިމަންޑް ޖުބިލީ އިފްތިތާޙު ކުރުމަށް މަރަދޫގައި ސަގާފީ ޙަރަކާތްތަކާއެކު ޚާއްސަ ރަސްމިއްޔާތެއް އޮންނާނެއެވެ. އެރަސްމިއްޔާތަށްފަހު ބްރިޓިޝް ލޯޔަލްޓި ފައްތާފައިވާ ސަރަޙައްދަށް ހުރިހާ ބައިވެރިން ދޯނި ފަހަރުގައި ދާނެއެވެ. އެތަނަށް އެއްފަހަރާ 75 ޑައިވަރުން ޑައިވްކުރާގޮތަށް ހަމަޖެހިފައިވެއެވެ. ފޮޓޯ ސެޝަނަކަށްފަހު ބައިވެރިންގެ ޙަރަކާތްތައް އެތަނުން ނިންމާލާނެއެވެ. މިޙަރަކާތް ޕީއެސްއެމް އިން ވަގުތުން ދުރަށް ދައްކާނެއެވެ. އަދި އޭއޯނިއުސްގެ ފޭސްބުކް ޕޭޖުންވެސް ލައިވް ސްޓްރީމް ކުރާނެއެވެ.

ބްރިޓިޝް ލޯޔަލްޓީ ކަނޑު ފައްތާލާފައިވާ ސަރަޙައްދަކީ ކަނޑުއަޑީގެ ރީތިކަމަށް ނަން މަޝްހޫރު ސްޕޮޓެކެވެ. ޑައިވް ކުރުމަށް އައްޑޫއަށް އަންނަ ޑައިވަރުންގެ ޚާއްސަ މަންޒިލަކަށް ވެފައިވާ މިތަން މިހާރުވަނީ ޙިމާޔަތްވެސް ކޮށްފައެވެ.

ބްރިޓިޝް ލޯޔަލްޓީ ޑައިވް ހަރަކާތް ކުރިން ރާވާފައިވަނީ އިނގިރޭސި ވިލާތުގެ ޑައިވަރުންނާއެކުގައި ބޭއްވުމަށް ކަމަށްވިއަސް ކޮވިޑް 19 ގެ މިޙާލަތާއި އަދި ވަގުތުގެ ދަތިކަމާހުރެ ބޭރުން ޑައިވަރުން ގެންނަން އުނދަގޫ ވުމުގެ ސަބަބުން ރާއްޖޭގެ ޑައިވަރުންނާއެކު މިޙަރަކާތް ކުރިއަށް ގެންދަން ރޭވީކަމަށް ޙަރަކާތް އިންތިޒާމް ކުރާ ނަލަފެހިމީދޫއިން ވިދާޅުވެއެވެ.

ބްރިޓިޝް ލޯޔަލްޓި ކިކްއޮފް ހަރަކާތެއްގެ ގޮތުގައި އޮންނަ މި ޙަރަކާތަކީ ނަލަފެހި މީދޫއާއި އައްޑޫސިޓީ ކައުންސިލުން އިސްނަންގަވައިގެން އައްޑޫސިޓީގެ ޑައިވިން ސެންޓަރުތަކާއި ރިސޯޓް ގެސްޓްހައުސްއަދި ކްލަބް ޖަމްޢިއްޔާތަކާއި ސްކޫލް މަދްރަސާތައް ގުޅިގެން ހިންގާ ތާރީޚީ އިވެންޓެކެވެ.

ބްރިޓިޝް ލޯޔަލްޓީއަކީ ޖަރުމަންގެ ޓޯޕިޑޯއަކުން ދިން ޙަމަލާއަކަށްފަހު މަރާމާތު ނުކުރެވިގެން އިނގިރޭސިން އައްޑޫސިޓީގެ އެތެރެވަރިން ހިތަދޫއާއި މަރަދޫއާއި ދެމެދުގެ ކަނޑުގެ 33 މީޓަރު އަޑިއަށް ފައްތާލާފައިވާ ޓޭންކަރެކެވެ. 1943 ވަނަ އަހަރުގެ ތެރޭ އައްޑޫސިޓީގައި މިލިޓަރީބޭހެއް ޤާއިމްކޮށްގެންތިބި އިނގިރޭސީންގެ މަނަވަރުތަކަށް ތެޔޮ ރައްކާކޮށް އުފުލުމަށް މިޓޭންކަރު އޭރު ބޭނުންކުރަމުން ދިޔައެވެ.