English Edition
Dhivehi Edition

އައްޑޫއެކުއެޓޯރިއަލް ހޮސްޕިޓަލުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދުވަސްވަރު އައްޑޫސިޓީގައި އަރިދަފުސް ރޯގާ ޖެހޭ މިންވަރު އިތުރުވެފައިވާކަމަށް ހޮސްޕިޓަލުން ހާމަކޮށްފިއެވެ. މިކަމާ ގުޅިގެން ހޮސްޕިޓަލުން ވަނީ ހުން އައިސް ރޯގާ ޖެހި ކެއްސާ ނަމަ ފްލޫ ކްލިނިކަށް ދެއްކުމަށް އިލްތިމާސްކޮށްފައެވެ.

ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވަނީ މިދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރު ކަމުން މި ދަނޑިވަޅު ރާއްޖޭގެ އެކި ހިސާބު ތަކުން އައްޑޫސިޓީއަށް ދަތުރުފަތުރު ކުރުން އިތުރު ވުމާއި ގޭގެއަށް ޒިޔާރަތް ކުރުމާއި މީހުން އުޅޭ ތަންތަނަށް ދިއުން އިތުރުވެފައިވުމާއެކު އަރިދަފުސް ރޯގާ އަދި އެހެނިހެން ގައިން ގަޔަށް އަރާ ބަލިތައް އިތުރުވެގެން ދިއުމުގެ ފުރުސަތު އޮންނާނެތީ އެކަމަށް ސަމާލުވުމަށް އަންގާފައެވެ. މިދުވަސްވަރު ފްލޫ ކްލިނިކަށް ދައްކާމިންވަރު ވަރަށް ބޮޑު ތަން އިތުރުވެފައިވާކަން ވެސް ހޮސްޕިޓަލުންވަނީ ފާހަގަ ކޮށްފައެވެ.

އަރިދަފުސް ރޯގާއިން ސަލާމަތްވުމަށް ސަމާލުކަން ދޭންވީ ކަންތައްތައް:

  • ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން. ބޭނުންކުރާ ޓިޝޫ ރައްކާތެރި ގޮތުގައި ނައްތާލުން
  • ހުންއައިސް ރޯގާ ޖެހި ކެއްސާނަމަ މީހުންއެއްވެ އުޅޭ ތަންތަނަށް ނުދިއުން. ޚާއްސަ ކޮށް ކުޑަ ކުދިން މިފަދަ ތަންތަނަށް ނުގެންދިއުން
  • މާސްކު އެޅުމާއި ގައި ދުރުކަން ބެހެއްޓުން
  • ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން އަދި ބޭރުގައި އުޅޭއިރު ސެނެޓައިޒަރ ބޭނުންކުރުން
  • ރޯގާ ޖެހިފައިވާނަމަ ކުޑަ ކުދިން ކައިރިއަށް ނުދިއުމާއި އެކުދިން އުރާ ނެހެދުން
  • ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާ ބަލި މީހާއާއެކު ވީހާވެސް މަދުން މީހުން ދިއުން. އެނދުމަތި ކުރެވިފައިވާ ބަލިމީހުންނަށް ޒިޔާރަތް ނުކުރުން.
  • ލޮލުރޯގާ ފާނަބަސަންދު އަދި ހޭންޑް ފުޓް އެންޑް މައުތު ފަދަ ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާނަމަ ޢާއްމުސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއެކު މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން . އަދި ޚާއްސަކޮށް ކުޑަކުދިން ބަލި ރަނގަޅުވަންދެން ސްކޫލަށް ނުފޮނުވުން.
  • އަރިދަފުސްރޯގާފަދަ ނޭވާލާ ނިޒާމުގެ ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން.