English Edition
Dhivehi Edition

ކޮވިޑް 19 ގެ ނުރައްކާ ރާއްޖެއަށް ފޯރި ހިސާބުން ދަތުރުފަތުރުގެ ދަތިކަން ހުރުމާއި ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމަށް އައްޑޫސިޓީގެ އަވަށްތަކުގައި އޭރު ކުރިއަށް ދިޔަ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ދިނުން މެދުކެނޑިފައި އޮތުމަށްފަހު އަނެއްކާވެސް މި ޚިދުމަތް ފަށަން ނިންމައިފިއެވެ. އޭއީއެޗް އާއި އަވަށް އަވަށުގެ ސިއްޙީ މަރުކަޒުތަކާއި ގުޅިގެން ހިންގާ މި ސްޕެޝަލިސްޓް ސާވިސް އައުޓްރީޗް ގައި ޑިސެންބަރ 28 ވަނަ ދުވަހު މަރަދޫގައި ޓީމެއް ޙަރަކާތްތެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ. އެދުވަހު މަރަދޫގައި ކުރިއަށްދާނީ ހަމުގެ ބަލިތަކަށް ޚާއްސަ ފަރުވާގެ ޚިދުމަތެވެ. ޑިސެންބަރ 30 ވަނަ ދުވަހުވެސް މަރަދޫގައި މި ޕްރޮގްރާމްގެ އިތުރު ބައެއް ކުރިއަށް ދާނެއެވެ.

މީގެ އިތުރުން ޑިސެންބަރ 31 ވަނަ ދުވަހު ޚާއްސަ ޓީމެއް ހުޅުދޫގައި ހަރަކާތްތެރިވާނެ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. އެދުވަހު ހުޅުދޫގައި 2 ޓީމެއް ޙަރަކާތްތެރިވާއިރު އޭގެތެރޭގައި ދާދި ފަހުން އޭއީއެޗްގައި އަލަށް ތަޢާރަފްވެގެން އައި ޔޫރޮލޮޖީގެ ޚިދުމަތާއި ސައިކޭޓްރީ ގެ ޚިދުމަތް ދިނުން އޮންނާނެ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ.

އައްޑޫސިޓީގައި ގާއިމްކޮށްފައިވާ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ ރާއްޖޭގެ ދެކުނުގައި މިވަގުތު ހުރި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުން އައްޑޫސިޓީގެ އިތުރުން ރާއްޖޭގެ ދެކުނުގެ ގިނަ ރައްޔިތުންދަނީ ބޭސްފަރުވާގެ ޚިދުމަތް ހޯދަމުންނެވެ. މިވަގުތާ ހަމަޔަށްވެސް ގިނަ ދަތިތަކެއް ހޮސްޕިޓަލް ހިންގުމުގައި ކުރިމަތިވެފައިވެފަވާއިރު ދާދި ފަހުން ސަރުކާރުން ވަނީ އެތަނަށް ޗީފް އެގްޒެކްޓިވް އޮފިސަރެއް ހަމަޖައްސަވާ އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަވާ ގިނަ ކަންތައްތަކެއް ރަނގަޅު ކުރުމަށް މަސައްކަތް ފައްޓަވާފައެވެ.