އައްޑޫސިޓީގައި ގާއިމް ކޮށްފައިވާ އައްޑޫއީކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު ހެނދުނު ކަރަންޓް ކަނޑާލަން ނިންމައިފިއެވެ. މިކަމާ ގުޅޭ މަޢުލޫމާތު ނޫސްވެރިންނަށް ދެއްވަމުން ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވީ ޕެނަލް ބޯޑުގެ މަސައްކަތެއް ކުރުމަށް މިއަދާއި މާދަމާ ކަރަންޓް ކަނޑާލާނެ ކަމަށާއި އެމަސައްކަތަށް ހޭދަވާނެ ކަމަށް ލަފާ ކުރެވެނީ ދުވާލަކު 6 ގަޑިއިރު ކަމަށް ވިއަސް އޭގެ ކުރިންވެސް މަސައްކަތް ނިމިއްޖެނަމަ ޚިދުމަތް އަލުން ދޭނެ ކަމަށެވެ.
” ޕެނަލްބޯޑު މަރާމާތުގެ މަސައްކަތެއް ކުރުމަށް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު 6 ގަޑި އިރަށް ހޮސްޕިޓަލުން ކަރަންޓް ކަނޑާލާނެ. އެހެންނަމަވެސް މިވަގުތުގެތެރޭ އެމެޖެންސީގެ އެއްވެސް ޚިދުމަތަކަށް ބުރުލެއްނާރާ ކުރިއަށްދާނެ. ” ޝަރަފުއްސާދާތު ވިދާޅުވިއެވެ.
މެއިންޓެނެންސް ގެ މަސައްކަތެއް ކުރުމަށް މިއަދު އޭއީއެޗުން ކަރަންޓް ކަނޑާލި ނަމަވެސް އެވަގުތުގެ ތެރޭ ޔޫޕީއެސް އިން ހޮސްޕިޓަލުގެ ވޯޑު ތަކަށާއި އެމަޖެންސީ އަދި ތިއޭތަރުގެ ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ހުރަހަކަށް ނުވާނެ ކަމަށާއި އެކަމަށް ބެކަޕް ޖަނަރޭޓަރ ވެސް ބޭނުން ކުރެވިގެންދާނެ ކަމަށް ހޮސްޕިޓަލުގެ މެއިންޓެނެންސް އޮފިސަރ ޢަލީ މޫސާ ވިދާޅުވިއެވެ.
” އަޅުގަނޑުމެން ކަރަންޓް ކަނޑާލަން ނިންމީ އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެ ތިބެ. އެއްވެސް މަޖުބޫރު ޚިދުމަތެއް މެދުނުކެނޑޭނެހެން ސާވިސް ބިލްޑިން އިން އޮކްސިޖަން ޖެނެރޭޓަރ ވެސް ހިންގާނެ. މެޝިން ޗާޖު ކުރުން ފަދަ ހުރިހާ ކަމެއްވެސް ބަރާބަރަށް ކުރެވިގެންދާނެ.”
މިކަމާގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑައިރެކްޓަރ ޝާހު ވިދާޅުވީ ހުކުރު ދުވަހަކީ ޢާއްމުކޮށް ވެސް ބަންދު ދުވަހަކަށް ވުމާއެކު ޚާއްސަ ބަލިބަލީގެ ޚިދުމަތެއް ނޯންނާނެ ކަމަށެވެ. އޭގެ އިތުރަށް އެކްސްރޭ ނެގުންފަދަ ލައިފް ސޭވިން އިމެޖެންސީ ޙާލަތްތަކުގައި ލޭ އެޅުމާއި ބްލަޑް ޝުގަރ ހަދާލުން ފަދަ ކަންކަން މޯބައިލް މެޝިންތަކުގެ އެހީއާއެކު ކުރެވިގެންދާނެ ކަމަށެވެ.
ކަރަންޓް ކަނޑާލާ މި ދެ ދުވަހު ކޮންމެހެން މަޖްބޫރު ޙާލަތެއް މެދުވެރި ނުވާނަމަ ލެބޯޓްރީގެ ޚިދުމަތާއި އެމްއާރް އައި ފަދަ ޚިދުމަތްތައް މެދުކަނޑާލާނެ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ.
މިއަދު ކްލިނިކަލް އޭރިއާ ތަކުގައި އެޑްމިޓް ކޮށްފައިވާ މީހުންނާއި ޑައިލިސިސް ފަދަ ތަންތަނުގެ ޚިދުމަތް ރާވާފައިވާ ގޮތަށް ބަލާއިރު ހުކުރު ދުވަހު މެންދުރުކުރީގައި ޑައިލިސިސް ހެދުމެއް ހޮސްޕިޓަލުގައި ނޯންނާނެއެވެ.އެހެންނަމަވެސް މިއަދު މެންދުރުފަހު އެހެން ދުވަސްތަކެކޭވެސް އެއްފަދައިން އިވްނިންގ ޝެޑިއުލް ކުރިއަށްދާނެ ކަމަށާއި ހޮނިހިރު ދުވަހުގެ ހެނދުނަށް ހުރި ޑައިލިސިސްތައްވެސް އެހެން ދުވަހަކަށް ބަދަލުކުރެވިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.
” މިއަދު ކަރަންޓް ކަނޑާލައިގެން މަސައްކަތް ކުރިއަށްދާއިރު ވެންޓިލޭޓަރުތަކާއި ބޭނުންވާ ހުރިހާ މެޝިނެއް ހުންނާނީ ޗާޖްކުރެވި ޗެކްކުރެވިފަ. ތިއޭޓަރ ވެސް ފުލީ ފަންކްޝަން ކުރާނެ. އެތަންތާގެ ޚިދުމަތަށް އެއްވެސް މައްސަލައެއް ދިމާނުވެ ކުރިއަށް ދާނެ ކަމުގެ ޔަގީން ކަން އަރުވަން.”
މިއަދާއި މާދަމާ ކަރަންޓް ކަނޑާލައިގެން ކުރަން ނިންމާފައިވަނީ ޕެނަލްބޯޑުގެ މެއިން ބްރޭކަރެއް ބަދަލު ކުރުމުގެ މަސައްކަތެވެ. ރޭވިފައިވާ ގޮތަށް ކުރިއަށްދާނަމަ މާދަމާ 2 ޖަހާއިރު އަލުން ކަރަންޓު ލިބި މައްސަލަ ހައްލު ވެގެންދާނެ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.
އޭއީއެޗްއަކީ އެތަނުގެ ފުރާޅުގެ އެއްކޮށް ކަހަލަ ގޮތަކަށް ސޯލާ ޕެނަލް ހަރުކުރެވިފައިވާ ތަނަކަށްވިއަސް ދުވާލެއްގެ މައްޗަށް 700 ކިލޯވޮޓް ގެ ކަރަންޓެއް ހޭދަވާއިރު ސޯލާގެ ބޭނުން އެދެވޭ ގޮތެއްގައި އަދި ކުރަން ފަށާފައެއް ނުވެއެވެ. އެހެންނަމަވެސް ސޯލާއަށް ބަދަލު ކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި އެކަމުގެ މަޝްވަރާ ކަމާގުޅޭ އިދާރާތަކާއެކު ކުރެވެމުން އަންނަ ކަމަށް މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވިއެވެ.