English Edition
Dhivehi Edition
ސްކީމް ގެ ގއ. ޗެޕްޓަރ ގެ މެމްބަރުންނާއި ސްކީމްގެ ރައީސާ އަތޮޅު ކައުންސިލާ ކުރި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ /ސްކީމް

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހާ ގުޅުވައިގެން ގއ. ވިލިނގިލީގައި ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށް ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ( ސްކީމް) ގެ ގއ. އަތޮޅު ޗެޕްޓަރ އިން ނިންމައިފިއެވެ.

އެކްސްޕޯ ވިލިނގިލީގައި ބޭއްވުމަށް ނިންމާފައިވަނީ ، ސަރަހައްދީ ފެންވަރުގައި އެއްބައިވަަންތަކަމުގެ ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ވިލިނގިލީގައި ކަމަށް ވުމާއެކު އެ ރަސްމިއްޔާތުތަކާއި ގުޅުވައިގެންނެވެ. މި ރަސްމިއްޔާތުތަކުގައި ބައިވެރިވުމަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް އެރަށަށް ވަޑައި ގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދެކުނުގެ 4 އަތޮޅުގެ ކައުންސިލް މެމްބަރުންނާއި ގއ. އަތޮޅުގެ ގިނަ ބަޔަކު މި ރަސްމިއްޔާތު ތަކުގައި ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެކްސްޕޯ އާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަވަމުން ސްކީމްގެ ގއ. އަތޮޅުގެ ޗެއަރޕާސަން ޝަރީޒާ އަޙްމަދު ވިދާޅުވީ މިއީ ގޭތެރޭގައި މަސައްކަތް ކުރާ އަންހެން ކަބަލުންގެ މަސައްކަތްތެރިކަން ދައްކާލުމުގެ ގޮތުން ބޭއްވި ގެންދާ ކާބޯތަކެތީގެ މަޢުރަޒެއް ކަމަށާއި އެކްސްޕޯގެ މައިގަނޑު މަޤްސަދަކީ އަންހެންކަބަލުން ގޭގައި ތިބެގެން އާމްދަނީ ހޯދުމައްޓަކާ އުފައްދާ އެއްޗެހި އިޝްތިހާރުކޮށްދީ ވިއްކުވައިދިނުން ކަމަށެވެ. މީގެ އިތުރުން މި މަޢުރަޒުގައި ބައިބެރިވާން ބޭނުންވާފަރާތްތަކުން އުއްފަދާ ތަކެތި ލޭބަލް ކުރުމުގައި ވެސް ސްކީމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޝަރީޒާ ވިދާޅުވިއެވެ.

“މައިގަނޑު 3 ކެޓަގަރީ އަކަށް ހުޅުވާލައިގެން ވަނަ ހޮވާގޮތަށް މި އެކްސްޕޯ ކުރިއަށް ގެންދާނީ. ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ޕޭސްޓްރީ ކެޓަގަރީއާއި ( ވަގުތުން ރަހަ ބަލާލެވޭ ކާބޯތަކެތީގެ ބައި) އަތްތެރިމަސައްކަތުގެ ބަޔާއި އަދި ދިގު މުއްދަތަކަށް ހަލާކު ނުވެ ބަހައްޓައިގެން ކެވޭ ކަހަލަ ކާބޯތަކެތީގެ ބައިން. މިފަހަރު އެކްސްޕޯގައި ބައިވެރިވާން ފުރުސަތު މި ހުޅުވާލަނީ ވިލިނގިލީގައި އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް. އަދި މުޅި އަތޮޅަށް ހުޅުވާލައިގެން މިކަހަލަ އެކްސްޕޯއެއް ބޭއްވުމަށް ކުރިއަށް އޮތް ތަނުގައި ވިސްނުން ހުރީ” އެކްސްޕޯއާއި ބެހޭ ގޮތުން ޝަރީޒާ ކިޔައިދެއްވިއެވެ.

ވިލިނގިލީ “ވަޅަގަނޑާ ބީޗް” ގައި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު މެންދުރު ބާއްވާ މި އެކްސްޕޯ ހުޅުއްވާދެއްވުމަށް ހަމަޖެހިފައިވަނީ ނާއިބް ރައީސް ފައިސަލް ނަސީމެވެ. އެކްސްޕޯގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. އެކްސްޕޯއާ ބެހޭ އިތުރު މައުލޫމާތު 9127718 އަދި 7574702 މި ނަމްބަރުން ލިބޭނެއެވެ.

ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށްގެން ހިންގަމުން އަންނަ ސަރަހައްދީ ޖަމިއްޔާއެއް ކަމަށްވާ ސްކީމުން މީގެ ކުރިންވެސް ވަނީ ގއ.އަތޮޅުގައި ތަފާތު ޕްރޮގްރާމުތައް ހިންގާފައެވެ. އެގޮތުން އަތޮޅު ޗެޕްޓަރ އިން އިސްނަގައިގެން 2019 ވަނަ އަަހަރު މުދައްރިސުންގެ ދުވަހާގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތާއި މިއަހަރު ގއ. ގައި ކުރިއަށް ގެންސިޔަ ނޫސްވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފާހަގަކޮށްލެވެއެވެ. މި ޕްރޮގްރާމުގައި ގއ އަތޮޅުގެ 47 ޒުވާނުން ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ތަމްރީނުކޮށް ދާއިރާއަށް ނެރެދީފައެވެ.