މެކްސިކޮ އަަށް ވޭތުވެދިޔަ ގަރުނެއްހާ ދުވަހު ތެރޭގައި އައި އެންމެ ބާރުގަދަ ބިންހެލުމުގެ ސަބަބުން 61 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ބިންހެލުމުގެ ސަބަބުން މަރުވެފައިވަނީ އެ ސަރަހައްދުގައި އޮތް ބިންހެލުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރި ތިން ސްޓޭޓުގެ މީހުންނެވެ. އެއީ ވަހާކާ އިން 45 މީހުންނާއި، ޓަބާސްކޯ އިން 3 މީހުން މަރުވެފައިވާ ކަމަށް މެކްސިކޯގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީގެ ވެރިޔާ ލުއިސް ފެލިޕޭ ޕުއެންޓޭސް ވިދާޅުވިއެވެ. އަދި ޗިއާޕާސް އިން 12 މީހުން މަރުވެފައިވާ ކަމަށް އެ ސްޓޭޓުގެ ގަވަރުނަރު މެނުއަލް ވެލަސްކޯ ވިދާޅުވިއެވެ. އެހެން ކަމުން ޖުމްލަ 61 މީހުން ވަނީ މަރުވެފައެވެ.
ހުކުރު ދުވަހު ހެނދުނު، ރާއްޖެ ގަޑިން 9.50 ހާއިރު މެކްސިކޯ އަށް އައި މި ބިންހެލުމަކީ ރެކްޓާ މިންގަނޑުން 8.1 ގެ ބާރު މިނުގައި އައި ބިންހެލުމެކެވެ. މި ބިންހެލުން އައިސްފައިވަނީ މެކްސިކޯގެ ދެކުނު އައްސޭރި ފަށުން އޮންނަ ޗިއާޕާސްގެ ހުޅަނގުން 100 މޭލު ދުރަށެވެ. މި ބިންހެލުން އައިސްފައިވަނީ 19 ކިލޯމީޓަރު އަޑިން އަދި އޭގެ ފަހުން 6 ކުދި ލޮޅުންތަަށް ވެސް ވަނީ އައިސްފައި ކަމަށް މެކްސިކޯގެ ސެއިސްމޮލޮޖިކަލް އޮތޯރިޓީ އިން ބުނެއެވެ.
މެކްސިކޯގެ ރައީސް އެންރީކޭ ޕެންޔާ ނިއޭޓޯ، ވަނީ ބިންހެލުމުގައި މަރުވި މީހުންގެ އާއިލާ ތަކަށް ތައުޒިއާ ޓްވިޓާރ މެދުވެރިކޮށް ރައްދުކޮށްފައެވެ. ރައީސް ވިދާޅުވި ގޮތުގައި މި ކާރިޘާގެ ސަބަބުން މިލިއަނެށްހާ މީހުންނާ ކަރަންޓުގެ ޙިދުމަތް މެދު ކެންޑުނު ކަމަށެވެ. ނަމަވެސް 8 ލައްކަ މީހުންނަށް މީހާރު އެ ޙިދުމަތް އަންބުރާ ފޯރު ކޮއްދެވިފައި ވާކަމަށެވެ. އެނާ ވަނީ ރައްޔިތުންނަށް ފާރުތަކާއި ގޭސް ސަޕްލައި ޗެކް ކޮށް ގެއްލުންވެދާނެ ފަދަ ހާލަތަކަށް ރައްކާތެރި ވުމަށް ގޮވާލައްވާފައެވެ.
ރިޕޯޓުތަށް ބުނާގޮތުން އެންމެ ބޮޑެތި ގެއްލުންތަށް ލިިބިފައިވަނީ މެކްސިކޯގެ ދެކުނުގެ ސަރަހައްދުތަކަށެވެ. އެ ސަރަހައްދުގެ ސްކޫލް ހޮސްޕިޓަލް އަދި ގެ ތަކަށް ވަނީ ބޮޑެތި ގެއްލުންތަކެށް ލިބިފައެވެ. އަދި އިމާރާތްތަ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މެކްސިކޯ ސަރުކާރުން ދަނީ ކުރަމުންނެވެ.