އިންޑޮނޭޝިއާގެ ފްލޯރެސްއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ލިބުނު ފުން ހިތާމައިގައި ދިވެހިރާއްޖެ ބައިވެރިވެ، އެ ގައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ފްލޯރެސް ކައިރިއަށް އައި މި ބިންހެލުމުގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. އަދި ބިންހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ އާއިލާތަކެއްގެ ގެދޮރު ހަލާކުވެ، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.
ރައީސް މުއިއްޒު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިންޑޮނޭޝިއާގެ ސަރުކާރަށާއި އެކުވެރި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވިއެވެ. އަދި މި ހާދިސާގައި އާއިލާގެ މެންބަރުން ވަކިވެދިޔަ ފަރާތްތަކަށް ހަމްދަރުދީ ފާޅުކުރެއްވިއެވެ.
މީގެއިތުރުން، ހާލުގައި ޖެހުނު އާއިލާތަކާއެކު ރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވައި، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، އިންޑޮނޭޝިއާގެ ރައްޔިތުންނަށް ކުރިމަތިވި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިން ތިބީ އެ ގައުމުގެ ރައްޔިތުންނާއެކުކަން ހާމަކުރައްވައި، ހެޔޮދުއާ ފޮނުއްވަމުންނެވެ.