ޓައިވާންގެ އިރުމަތީ އައްސޭރިފަށަށް 7.5 މެގްނިޓިއުޓްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ޓައިވާންގެ ސެންޓްރަލް ވެދަރ އެޑްމިނިސްޓްރޭޝަނުން ބުނީ މިއީ ފާއިތުވި 25 އަހަރު ތެރޭގައި އެ ޖަޒީރާއަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ. މި ބިންހެލުމަށްފަހު ވެސް ބާރުގަދަ އާފްޓާޝޮކްތައް އައިސްފައިވާއިރު ޓައިވާންގެ އޮފިޝަލުންވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މެގްނިޓިއުޑް 7 އާއި ހަމައަށް ވަރުގަދަ އަފްޓާޝޮކްތަކެއް އަންނާނެކަމުގެ އިންޒާރު ދީފައެވެ.
މި ބިންހެލުމާއެކު އެންމެ ފުރަތަމަ ޓައިވާނާ، ޖަޕާން އަދި ފިލިޕީންސްގައި ސުނާމީ އެލާޓު ނެރުނު ނަމަވެސް، ސުނާމީއެއް ނާރާނެ ކަމަށް ބަލައި މިހާރު އެލާޓުތައް ވަނީ އަނބުރާ ގެންގޮސްފައެވެ.
މި ބިންހެލުމުގައި މަދުވެގެން 26 އިމާރާތެއް ވެއްޓި އެތައް ބަޔަކު ތާށިވެފައިވާއިރު ޓައިވާންގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ މިހާތަނަށް ހަތަރު މީހަކު މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި މި ބިންހެލުމާއި ގުޅިގެން ހިލަ ވެއްޓުމުގެ ސަބަބުން ހައިވޭއެއްގައި އިތުރު ނުވަ މީހަކަށް އަނިޔާވެފައިވާކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. މީގެ އިތުރުން 57 މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން ރިޕޯޓްކޮށްފައިވަނީ ހުއާލިއެންގައި ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.
ޓައިވާނަށް އައި ބިންހެލުމާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އިތުރުވެދާނެކަމަށް ޓައިވާނުގެ އޮފިޝަލުން ވަނީ ލަފާކޮށްފައެވެ.