ޔޫރަފުގައި ކޮވިޑްގެ އައު ވައިރަހެއް ފެނި އެ ބަލި ފެތުރުން އެ ސަރަހައްދުގައި ކޮންޓްރޯލުން ނެއްޓިފައިވުމާއި ގުޅިގެން ދުނިޔޭގެ އެކިގައުމުތަކުން އެގައުމުތަކުގެ ބޯޑަރުތައް އަލުން ބަންދުކުރަން ފަށައިފިއެވެ.
ކޮރޯނާ ވައިރަސްގެ ބަދަލުވެފައިވާ ވައްތަރެއް (އޭގެ އައު ވޭރިއަންޓެއް ނުވަތަ ސުލާލަތެއް) އިނގިރޭސިވިލާތުން ފެނުމާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން
އިނގިރޭސިވިލާތް އެކަހެރިކޮށް އެގައުމާއެކު އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ވަގުތީގޮތުން ކަނޑާލަމުން ދާއިރު ސައުދީ ސަރުކާރުން މިވަނީ އެގައުމުގެ ބޯޑަރުތައް ބަންދުކުރިކަން އިއުލާން ކޮށްފައެވެ.
ސައުދީ ސަރުކާރުން ބުނީ އެ ޤައުމުގެ ކަނޑާއި ވައިގެ އިތުރުން އެއްގަމު ހުރިހާ ބޯޑަރެއްވެސް މިއަދުން ފެށިގެން ހަފްތާއަކަށް އަނެއްކާވެސް ބަންދުކޮށްފައިވާކަމަށެވެ. އަދި މި ނިންމުން ނިންމާފައިވަނީ ސައުދީގެ ސިއްހީ ވުޒާރާއިގެ ކުއްލި ބައްދަލުވުމަކަށްފަހުކަމަށެވެ.
އިނގިރޭސިވިލާތުގެ ސައެންޓިސްޓުން ބުނާ ގޮތުން އައު ވޭރިއަންޓް ނުވަތަ ސުލާލަތު ދަނީ ކޮންޓްރޯލެއް ނެތި ވަރަށް ބާރަށް އެގައުމުގައި ފެތުރެމުންނެވެ. މި ވައްތަރު ފެތުރެނީ ކޮވިޑް-19 ވެސް ފެތުރޭ ގޮތަށް ކަމަށާއި ނަމަވެސް ކޮވިޑް-19 އަށްވުރެ ގާތްގަނޑަކަށް 70 ޕަސެންޓް ހަލުއިކަމާ އެކު މިވައްތަރު ފެތުރޭކަން ސައެންސްވެރިން ވަނީ ފާހަގަކޮށްފަ އެވެ.
އިނގިރޭސިވިލާތުން މިހާރު ފެނިގެންއުޅޭ ކޮރޯނާވައިރަސްގެ އައު ވޭރިއަންޓާމެދު ކަންބޮޑުވާކަމަށާއި އެވޭރިއަންޓް ދިރާސާކުރުމަށް އިނގިރޭސިވިލާތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތް ކުރަމުން ގެންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ވެސް ވަނީ ބުނެފައެވެ.