English Edition
Dhivehi Edition

ދަނޑުވެރިކަމުގެ ކުރު ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ދަނޑުވެރިންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި އެ މިނިސްޓްރީން 2021 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ރަށްރަށުގައި ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން އިޢުލާނުގައި ބުނެފައިވާ ގޮތުން ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންފުޅުވާ ރަށްރަށުން ޕްރޮގްރާމް ހިންގުމަށް އެދި ހުށަހަޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ އެރަށެއްގައި ޙަރަކާތްތެރިވާ ހިލޭސާބަހަށް މަސައްކަތް ކުރައްވާ ޖަމްޢިއްޔާތަށް މެދުވެރިކޮށެވެ. ތަމްރީނު ޕްރޮގްރާމް ހިންގުމަށް ލިބިފައިވާ ބަޖެޓާއި މިނިސްޓްރީގެ ފަންނީ މުވައްޒަފުން ތިބި މިންވަރަކުން ވީ އެންމެ ގިނަ ރަށެއްގައި ތަމްރީނު ޕްރޮގްރާމްތައް ހިންގައިދިނުމަށް މަސައްކަތްކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

އަދި ގިނަ ރަށްތަކަކުން ތަމްރީނު ޕްރޮގްރާމް ހިންގުމަށް އެދިލައްވާފައިވާނަމަ ކޯސް ހިންގުމަށް އެދި ހުށަހަޅުއްވާފައިވާ ފޯމުގައި ދެއްވާފައިވާ މައުލޫމާތު ތަކަށް ބަލައި ޕްރޮގްރާމް ހިންގުމަށް އެންމެ އެކަށީގެންވާ ކަމަށް ފެންނަ ރަށްތައް ކަނޑައަޅާ އެރަށްރަށުގައި 2021 ވަނަ އަހަރު ތަމްރީނު ޕްރޮގްރާމްތައް ހިންގައިދެވޭނެ ކަމަށްވެސް އިޢުލާނުގައި ވެއެވެ.

ތަމްރީނު ޕްރޮގްރާމްތައް ބައްޓަން ކުރެވޭނީ އެރަށެއްގައި ހުރި މައްސަލަތަކަށް ބެލުމަށްފަހު އެރަށަކަށް އެންމެ އެކަށީގެންވާނެ މައުލޫމާތުތައް ފޯރުކޮށްދެވޭނެ ގޮތަކަށް ކަމަށާއި، 2021 ވަނަ އަހަރު ކުރިއަށް ގެންދާނެ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތަކުގެ ދިގުމިނަކީ 10 ދުވަހާއި 14 ދުވަހާއި ދެމެދުގެ މުއްދަތެއް ކަމުގައި ފިޝަރީޒް މިނިސްޓްރީގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

އެ ކޯސްތަކުގައި ބައިވެރިވާ ފަރާތްތަކަކީ އަސާސީތައުލީމް ފެންވަރު އަދި ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ވާންޖެހޭނެއެވެ.

އެ ކޯސްތައް ހިންގުމަށް އެދި ކައުންސިލްތަކުން ހުށަހަޅާނީ އެޕްލިކޭޝަން ފޯމު ކަމަށްވާއިރު، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން އެޕްލިކޭޝަން ފޯމުގެ އިތުރުން ރަޖިސްޓްރޭޝަންގެ ކޮޕީއެއްވެސް ހުށަހަޅަންޖެހޭނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.