English Edition
Dhivehi Edition
ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު - ފޮޓޯ: މަޖިލިސް

ގަސްގަހާގެހި އެތެރެ ކުރުމުގައި ބައެއް ފަރާތްތަކުން ފައިޓޯސެނިޓަރީ މިންގަނޑުތަކާއި ޚިލާފުވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގަސްގަހާގެއްސާއި ގަހުގެ ބައިތަކަކީ ގަސްގަހާގެހި ހިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުން ބަލިތަކާއި ބަލިޖައްސާ ފަނިފަކުސާ، ސޫފާސޫފި އަދި ޖަރާސީމުތައް ތަޢާރަފްވުމާއި ފެތުރުމުން ރައްކާތެރިވުމަށްޓަކައި އެ މިނިސްޓްރީން ކަނޑައަޅާފައިވާ ފައިޓޯސެނިޓަރީ މިންގަނޑުތަކާއި އެއްގޮތަށް އެތެރެކުރާ ތަކެތި ކަމަށެވެ.

މީގެ އިތުރުން ގަހާއި ގަހުގެ ބައިތަށް ރާއްޖެއަށް އެތެރެކުރާ މިންވަރު މިދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި އެ މިނިސްޓްރީން ބުނީ ރާއްޖެއަށް މިފަދަ ބާވަތްތައް އިމްޕޯޓްކުރާ ގިނަ ފަރާތްތަކުން ފައިޓޯސެނިޓަރީ މިންގަނޑުތަކާއި އެއްގޮތަށް އަމަލު ކުރަމުންދިޔަ ނަމަވެސް ބައެއް ފަރާތްތަކުން ފައިޓޯސެނިޓަރީ މިންގަނޑުތަކާއި ޚިލާފަށް އަމަލު ކުރަމުންދާ ކަމަށެވެ.

މިފަދަ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމުގެ ކުރިން ހޯދަންޖެހޭ ހުއްދަތަށް ނުހޯދާ އެތެރެކުރުމާއި، ގަހާއި ގަހުގެ ބާވަތްތައް އެތެރެ ކުރާއިރު އެތަކެއްޗާއެކު ގެންނަންޖެހޭ ފައިޓޯސެނިޓަރީ ސެޓްފިކެޓްފަދަ މުހިންމު ޑޮކިއުމަންޓްތައް ނެތި އެތެރެކުރަން އުޅުންފަދަ ނޭދެވޭ މައްސަލަތައް މިދުވަސްވަރު އިތުރުވަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ފައިޓޯސެނިޓަރީ މިންގަނޑުތަކާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރާ ގަސްގަހާގެއްސާއި ގަހުގެ ބައިތަކާއި މެދު އަމަލު ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައި ގޮތުގެ މަތިން ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން ފާއިތުވި ދުވަސްތަކުގެ ތެރޭގައިވެސް ގަހުގެ ބޮޑު ޝިޕްމަންޓެއް ނައްތާލަންޖެހިފައިވާކަން ހިތާމަޔާއެކު ފާހަގަކުރާ ކަމަށެވެ.

“ވިޔަފާރީގެ އުސޫލުން ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް އެތެރެކުރުމުގެ މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކުން، ހޯދަންޖެހޭ ހުއްދަތަކާއި ލިޔެކިއުންތައް ހަމަކުރުމަށް، ވަގުތުދީގެން މަސައްކަތްތައް ރޭވުމަކީ ދިމާވާ މިފަދަ މައްސަލަތައް މަދުކުރޭވޭނެ ކަމެއްކަމަށް މި މިނިސްޓްރީއިން ފާހަގަކުރަން”. އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން ފިޝަރީޒް މިނިސްޓްރީން ބުނީ ގަސްގަހާގެއްސާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެކުރުމާއި، ގަސްކާނާއާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭސް އަދި ދިރޭ ޖަނަވާރު އެތެރެކުރުމުގެ ހުއްދަ ހޯދުމަށް މިދުވަސްވަރު ވާނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާދީފައި ކަމަށެވެ. އެގޮތުން އެ ޚިދުމަތްތަކަށް އެދުމަށް ހުށަހަޅަންޖެހޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްކޮށް ފުރިހަމަކުރުމަށްފަހު، އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރުމުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުއްދަ ތައްޔާރު ކުރުމަށްފަހު އީމެއިލްގެ ޒަރިއްޔާއިން ހުއްދަތަށް ފޯރުކޮށްދެމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.