English Edition
Dhivehi Edition

މިމަހުގެ 18އިން 27ގެ ނިޔަލަށް ބޫޓާންގައި ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުޅެން ނިންމައިފިއެވެ.

މިމަހު ބާއްވާ ހަމަޖެހިފައިވާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ސްރީ ލަންކާ ނަން ނެގުމުން ކުރިން ރާއްޖެއަށް ހިމެނޭ ގްރޫޕްގައި ދެ ޓީމް އޮތުމުން ރާއްޖެއަށް ސެމީ ފައިނަލްގެ ޖާގައެއް ލިބޭނެ ކަމުގައި ބެލެވުނު ނަމަވެސް ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާއިން ވަނީ މުބާރާތުގައި ފަސް ޓީމު ވާދަކުރާތީ ފޯމެޓަށް ބަދަލު ގެނެސް ލީގު އުސޫލުން މުބާރާތް ކުޅެން ނިންމާފައެވެ.

ސާޕް ޗެމްޕިއަން ޝިޕް މިއަހަރުގެ މުބާރާތް ލީގު އުސޫލުން ކުޅުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ހުރިހާ ޓީމެއް ކުޅެ ނިމޭއިރު ޕޮއިންޓްގެ ގޮތުން އެންމެ ކުރީގައި އޮންނަ ޓީމަކަށެވެ.އަދި ދެވަނާގައި އޮންނަ ޓީމަކަށް ރަނަރަޕްކަން ލިބޭއިރު ތިންވާނާއިގައި އޮންނަ ޓީމަކަށް މުބާރާތުގެ ތިންވަނަ މަގާމު ދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ލަންކާ ބައިވެރިވާ ގޮތަށް ކުރިން އޮތްއިރު، އެ ޓީމު ހިމެނުނީ ރާއްޖެއާއި އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލާއެކު ގްރޫޕް ބީގައެވެ. ގްރޫޕް އޭގައި އޮތީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބޫޓާނާއި އިންޑިއާ އަދި ބަނގްލަދޭޝްއެވެ.

ފުރަތަމަ ފަހަރަށް 2015 ވަނަ އަހަރު ބޭއްވި ސާޕް ޗެމްޕިއަން ޝިޕްގައި ވެސް ރާއްޖޭގެ ޒުވާން ގައުމީ ޓީމް ވާދަކޮށްފައިވާއިރު ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި އަފްޣާނިސްތާން އަތުން 3-1 ލަނޑުގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި އިންޑިއާ އަތުން 3-0 ލަނޑުގެ ވަނީ ބަލިވެފައެވެ.

މިހާރު އެ މުބާރާތުގައި ވާދަކުރާނީ ރާއްޖެއާއި ނޭޕާލާއި ބޫޓާނާއި އިންޑިއާ އަދި ބަނގްލަދޭޝްއެވެ.