އަވަށްޓެރި އިންޑިއާގައި މިހާރު ފެށިގެން ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް 2023 ގެ ގުރޫޕް ބީ ގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ބޫޓާނާއި ލުބުނާނެވެ.
މި މެޗަށް މި ދެޓީމުން ނިކުންނައިރު، މިއީ މިފަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މި ދެޓީމުން ވެސް ކުޅޭ ދެވަނަ މެޗުކަން ފާހަގަކޮށްލަން ޖެހެއެވެ.
ދެ ޓީމުންވެސް މިހާތަނަށް އެއް މެޗު ކުޅެފައިވާއިރު، ލުބުނާން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި ވާދަކޮށް 0-2 އިން ވަނީ މޮޅުވެފައެވެ. އަދި ބޫޓާން އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ އަތުން 0-2 ގެ ނަތީޖާއިން ވީ ބައްޔެވެ.
އެއް މޮޅު ހޯދާ ތިން ޕޮއިންޓާއި އެކު މިއަދުގެ މެޗަށް ލުބުނާނުން ނުކުންނައިރު، މި މެޗުގެ ޕްރެޝަރު އޮތީ ބޫޓާނަށެވެ. އެހެނީ ސެމީގެ ޖާގައެއް ބޭނުންނަމަ ބޫޓާނަށް އޮތީ މި މެޗުން ސީދާ މޮޅެއް ހޯދުމެވެ. އަދި ކުރިޔަށް އޮތް ބަންގްލަދޭޝް މެޗު ވެސް ކާމިޔާބު ކުރުމެވެ. ކުރިޔަށް އޮތް ދެމެޗުވެސް ކާމިޔާބު ކޮށްގެން ނޫން ގޮތަކަށް ބުޓާނަށް މުބާރާތުގައި ކުރިޔަށް ދެވޭކަށް ނެތެވެ.
ބޫޓާން މެޗަށް ލުބުނާނުން ނުކުންނައިރު، މި މެޗުން ލުބުނާން މޮޅުވެއްޖެ ނަމަ ސެމީގެ ޖާގައެއް އެޓީމަށް ގާތްގަނޑަކަށް ކަށަވަރުވީއެވެ. އަދި ބޫޓާން މި މެޗުން ބަލިވެއްޖެ ނަމަ އެޓީމަށް ސެމީގެ ދޮރު ގާތްގަނަޑަކަށް އެއްކޮށްކަހަލަ ގޮތަކަށް ބަންދުވީއެވެ.
ބުޓާންގެ ސާފް ޗެމްޕިއަންޝިޕްގެ ތާރީހަށް ބަލައިލާ އިރު، ސާފް ޗެމްޕިއަންޝިޕުން ބޫޓާން ފުރަތަމަ ފެނިގެންދިޔައީ 2003 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި މުބާރާތުގައެވެ. މި މުބާރާތުގައި ބޫޓާނުން ގްްރޫޕު ސްޓޭޖު ނިންމާލީ ފުލުގައި އޮވެގެންނެވެ.
ސާފް ޗެމްޕިއަންޝިޕްގައި ބޫޓާނަށް ގްރޫޕު ސްޓޭޖު ފަހަނައަޅައި ދެވިފައިވަނީ ހަމައެކަނި 2008 ގައެވެ. ރާއްޖެ އާއި ސްރީލަންކާގައި ބޭއްވި އެ މުބާރާތުގައި ބޫޓާން ހިމެނުނީ ލަންކާ އާއި ބަންގުލަދޭޝް އަދި އަފްޣާނިސްތާނާ އެއް ގްރޫޕެއްގައެވެ. އެ މުބާރާތުގައި ބޫޓާނުން ވަނީ ގްރޫޕުގެ ދެވަނައިގެ ގޮތުގައި ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފައެވެ. ސެމީގައި އިންޑިއާ އަތުން 2-1 ގެ ނަތީޖާއަކުން ބޫޓާން ވަނީ ބަލިވެފައެވެ.
ސާފް ޗެމްޕިއަންޝިޕް 2008 ގައި އަފްޣާނިސްތާން އަތުން ލިބުނު މޮޅު ފިޔަވައި، ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އިތުރު މެޗަކުން ބޫޓާން މޮޅުވެފައެއް ނުވެއެވެ. އެންމެ ފަހުން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 2021 ގައި ބޫޓާނުން ބައިވެރިވެފައެއް ނުވެއެވެ.
ހުޅަނގު އޭޝިއާއަށް ނިސްބަތްވާ ލުބުނާން އަކީ ފުޓްބޯޅައިގައި މާ ފުންނާބު އުސް ގައުމެއް ނޫނެވެ. އޭސިއަން ކަޕުގައި ވެސް ތިން ފަހަރެއްގެ މަތިން ވާދަކޮށްފައިވާ ލުބުނާނަކީ އެ ގައުމުގެ ސަރަހައްދީ އެއްވެސް މުބާރާތަކުން އަދި މިހާތަނަަށް ކާމިޔާބީއެއް ހޯދިފަވާ ގައުމެއް ނޫނެވެ. ނަމަވެސް މި ރަހައްދުގެ ގައުމުތަކާއި އަޅާ ކިޔާއިރު، ފުޓްބޯޅައިގައި ލުބުނާން ރަނގަޅުކަމަށް ބުނެވިދާނެއެވެ.
މިއީ ސާފް ޗެމްޕިއަންޝިޕްގައި ލުބުނާނުން ކުޅޭ ފުރަތަމަ ފަހަރެވެ. އެ ޓީމަށް މިފަހަރުގެ މުބާރާތުން ފުރުސަތު ލިބުނީ ސަރަހައްދުން ބޭރު ދެ ގައުމަކަށް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ފުރުސަތު ދިން ދެ ގައުމުގެ ތެރޭގައި ހިމެނިގެންނެވެ. އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ފުރުސަތު ދިން އަނެއް ގައުމަކީ ކުވައިތެވެ.
މިރޭގެ މެޗަށް ބޫޓާން އަދި ލުބުނާން ނުކުންނައިރު، މިއީ ފުޓްބޯޅަ ތާރީޚުގައި މި ދެ ގައުމުން ވާދަކުރާ ފުރަތަމަ މެޗެވެ. މީގެ ކުރިން މި ދެގައުމުގެ ދެމެދުގައި އެކުވެރިކަމުގެ މެޗެއްވެސް އަދި ވާދަވެރި މެޗެއްވެސް ކުޅެވިފައެއް ނުވެއެވެ.
ބޫޓާން އަދި ލުބުނާން ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ 7:00 ގައެވެ.