ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ބީ ގައި ހިމެނޭ އިންޑިއާ އަދި ނޭޕާލް މިރޭ ބައްދަލުކުރާނެއެވެ. މިއީ މި ދެޓީމުން ވެސް މިފަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗެވެ.
އިންޑިއާއިން ވަނީ އެޓީމުން ކުޅުނު ފުރަތަމަ މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށްފައެވެ. އެއީ ޕާކިސްތާނާއި ވާދަކޮށް 0-4 ގެ ނަތީޖާއިންނެވެ. ނަމަވެސް ނޭޕާލް ޓީމު ވަނީ ކުޅުނު ފުރަތަމަ މެޗުން ކުވައިތު އަތުން ބަލިވެފައެވެ. އެޓީމު ކުވައިތު އަތުން ބަލިވީ 1-3 ގެ ނަތީޖާއިންނެވެ.
މިރޭގެ މެޗަށް ނުކުންނައިރު، ދެވަނަ ބުރުން ޖާގައެއް ހޯދުމަށް ދެ ޓީމަށް ވެސް މި މެޗު ވަރަށް މުހިންމެވެ. ނަމަވެސް މި މެޗުން މޮޅުވުން ބޮޑަށް މުހިންމީ ނޭޕާލަށެވެ. އެއީ އެޓީމުން ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި ވުމުންނެވެ.
މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ނޭޕާލަށް ލިބެން އޮތީ ކުރިޔަށް އޮތް ދެމެޗުންވެސް މޮޅެއް ހޯދައިގެންނެވެ. ނަމަވެސް ނޭޕާލަށް ދެން ކުރިމަތިލާން ޖެހޭނީ ނިސްބަތުން އެޓީމަށް ވުރެ އެތަކެއް ނުގަ ވަރުގަދަ ޓީމުތަކާއި ކަމަށް ވުމުން އެ ދެމެޗު ކާމިޔާބު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހެއެވެ. އިންޑިއާ މެޗުން ނޭޕާލް އަށް މޮޅު ނުވެވިއްޖެ ނަމަ އެޓީމަށް ދެވަނަ ބުރުގެ ފުރުސަތު މުޅިންހެން ބަންދުވެގެން ދާނެއެވެ.
ހަމަ އެގޮތަށް އިންޑިއާއަށް ވެސް ނޭޕާލް މެޗު ކާމިޔާބު ނުކުރެވިއްޖެ ނަމަ ޕްރެޝަރާއި ކުރިމަތިލާން ޖެހޭނެއެވެ. އެހެނީ ދެން އިންޑިއާ ބައްދަލުކުރަން ޖެހޭނީ ނިސްބަތުން އެ ޓީމަށްވުރެ ވެސް ފެންވަރު ރަނގަޅު ވަރުގަދަ ކުވައިތާކަމަށް ވާތީއެވެ. ކުވައިތު އަތުން މޮޅެއް ހޯދުމަކީ އިންޑިއާއަށް ވުމަށްވުރެ ނުވުން ގާތްކަމެކެވެ. އެހެން ކަމުން ނޭޕާލް މެޗަކީ އިންޑިއާއަށް ވެސް މޮޅެއް ހޯދުން މުހިންމު މެޗަކަށް ވާނެއެވެ.
ނޭޕާލް އަދި އިންޑިއާގެ ތާރީޚީ ކުރިމަތިލުންތައް
އިންޑިއާ އަދި ނޭޕާލް މީގެ ކުރިން 23 ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން ފަސް ފަހަރު އެއްވަރުވެގެން ނިމިފައިވާއިރު، އަނެއް 18 ފަހަރު އިންޑިއާ ވަނީ ނޭޕާލް އަތުން މޮޅުވެފައެވެ.
މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލުގައިއެވެ. އެފަހަރު 0-3 އިން ނޭޕާލް ބަލިކޮށް ތަށި ނެގީ އިންޑިއާއިންނެވެ.
އިންޑިއާ އަދި ނޭޕާލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 7:00 ގައެވެ.