ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ބޫޓާން ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުން ލުބުނާން ޖާގަ ހޯދުމާ ގާތަށް ޖެހިލައިފި އެވެ.
ލުބުނާނުން މިރޭ ބޫޓާންގެ މައްޗަށް ކުރި ހޯދީ 4-1 ގެ ނަތީޖާއިންނެވެ.
މި މޮޅާއި އެކު ލުބުނާނުން މުބާރާތުވައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓް ވަނީ ލިބިގައެވެ. އެހެން ކަމުން އެ ޓީމަށް ވަނީ ސެމީ ފައިނަލުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެފަ އެވެ. ނަމަވެސް ބޫޓާނަށް މި މުބާރާތުން މިހާރުވަނީ ފުރުސަތު ގެއްލިފައެވެ.
މިރޭގެ މެޗު ފެށިގެނަވެސް މޮޅަށް ކުޅުނީ ލުބުނާނުންނެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ލަނޑު ޖަހައި ލުބުނާނުން މެޗުގެ ލީޑުނެގިއެވެ. މި ލަނޑު ޖަހައިދިނީ މުހައްމަދު ސަދެކް އެވެ. މިއީ އޭރިއާ ބޭރުން ލެބަނަންގެ އަލީ އަލް ހާޖް ފޮނުވާލި ހަމަލާއެއް ކީޕަރު ޝެރިންގް ޑެންޑުޕް އަތުގައި ޖެހިފައި ނުކުތް ވަގުތު އެ ބޯޅައަށް އަރައި ސަދެކް ޖެހި ލަނޑެކެވެ.
ލުބުނާނުން ލީޑު ފުޅާކުރީ މެޗުގެ 24 ވަނަ މިނެޓުގައި އަލް ހާޖް ޖަހައިދިން ލަނޑުންނެވެ. މިއީ އޭރިއާ ރޮނގުމަތިން ލިބުނު ބޯޅައެއް ހިފައިގެން ވަދެ ބޫޓާންގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ޖެހި ލަނޑެކެވެ.
އެޓީމުގެ ތިންވަނަ ލަނޑަކީ އަލް ހާޖް ނަގައިދިން ކޯނަރުން ޚަލީލް ބަދަރަ ޖަހައިދިން ލަނޑެކެވެ. ލުބުނާނުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ މަހްދީ ޒެއިންއެވެ.
ލުބުނާނުން މެޗުގެ ފުރަތަމަ ހާފު ނިންމާލީ ހަތަރު ލަނޑުގެ ލީޑަކާއި އެކުގައެވެ.
ދެ ވަނަ ހާފު ފަށައިގެން ރަނގަޅަށް ކުޅެ، ހަމަލާތައް އުފައްދަމުން ދިޔައީ ބޫޓާނުންނެވެ. އެ ގޮތުން ލަނޑު ޖަހާނެ ހުސް ދެ ފުރުސަތު ބޫޓާންގެ ފޯވާޑް ޗެންޗޯއަށް ލިބުނެވެ.
ޗެންޗޯގެ ފުރަތަމަ ފުރުސަތަކީ އޭރިއާ ބޭރުން ކިންގާ ވަންގްޗުކް ފޮނުވާލި ހަމަލާ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ހުސްކޮށް ހުއްޓާ ޗެންޗޯ އަށް ލިބުނު ފުރުސަތެވެ. ނަމަވެސް ޗެންޗޯ ގޯލަށް ފޮނުވާލަން މަސައްކަތްކުރި ބޯޅަ ކީޕަރު ދިފާއުކުރި އެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން ބޫޓާނަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ޗެންޗޯ ފޮނުވާލި ބޯޅަ ގޯލާއި އަމާޒެއް ނުވިއެވެ. ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. ބޫޓާނަށް ލިބުނު މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ޗެންޗޯ އަށް ލުބުނާންގެ ކެޕްޓަން މުހައްމަދު އަލީ ދައިނީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މެޗުގައި ބޫޓާނުން ޖެހި ހަމައެކަނި ލަނޑަކީ 79 ވަނަ މިނެޓުގައި ޗެންޗޯ ޖަހައިދިން ލަނޑެކެވެ.
މި މުބާރާތުގެ މެޗެއް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު ތިނެއް ޖަހާއިރުގަ އެވެ. އެ މެޗުގައި ވާދަކުރާނީ މުބާރާތުން ކަޓާފައިވާ ޕާކިސްތާނާއި ނޭޕާލް އެވެ. އަދި އެ ރޭ 7 ޖަހާއިރު، ކުޅޭ މެޗުގައި ވާދަކުރާނީ އިންޑިއާ އާއި ކުވެއިތެވެ.