އިންޑިއާގައި މިހާރު ފެށިގެން ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ޕާކިސްތާނާއި ކުވައިތު ބައްދަލުކުރާ މެޗެވެ. މިއީ ގުރޫޕް ބީ ގެ މެޗެކެވެ. މިއީ މި މުބާރާތުގައި މި ދެޓީމުން ވެސް ކުޅޭ ދެވަނަ މެޗެވެ.
ޕާކިސްތާން އަދި ކުވައިތު މިއަދުގެ މެޗަށް ނުކުންނައިރު، މި ދެ ޓީމުންކުރެ ކޮންމެ ޓީމެއްވެސް ވަނީ އެއް މެޗު ކުޅެފައެވެ.
ކުވައިތުން އެޓީމު ކުޅުނު ފުރަތަމަ މެޗު ނޭޕާލާއި ބައްދަލުކޮށް 1-3 އިން ވަނީ މޮޅުވެފައެވެ. އަދި ޕާކިސްތާން ވަނީ މުބާރާތް ބާއްވާ އިންޑިއާ އަތުން 0-4 އިން ބަލިވެފައެވެ. އެހެން ކަމުން މި މެޗުން މޮޅުވުން ބޮޑަށް މުހިންމުވަނީ ޕާކިސްތާނަށެވެ. އެއީ މި މެޗުން ރަނގަޅު ނަތީޖާއެއް ނެރެ މޮޅު ނުވެވިއްޖެ ނަމަ ދެވަނަ ބުރުގެ ފުރުސަތު އެޓީމަށް ގެއްލޭނެތީއެވެ.
މޮޅުވުން މަޖުބޫރު މެޗަކަށް ޕާކިސްތާނުން މިއަދު ނުކުންނައިރު، މި މެޗު ކާމިޔާބުކޮށް ދެވަނަ ބުރުގެ ފުރުސަތެއް ހޯދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެޓީމުން ކުރާނެއެވެ. ނަމަވެސް ކުވައިތަކީ ނިސްބަތުން މި ސަރަހައްދުގެ ޓީމުތަކާއި އަޅާބަލާއިރު، ވަރުގަދަ ޓީމެއް ކަމަކަށް ވުމުން ޕާކިސްތާނަށް މި މެޗުން މޮޅުމުމަށް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ.
ޕާކިސްތާނު ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، އެޓީމަކީ ވެސް ނިސްބަތުން ވަރުގަދަ ޓީމެކޭ ބުނެވޭނެ ފުރުސަތު އެބައޮތެވެ. އެހެނީ ހުނަރުވެރި މޮޅެތި ކުޅުންތެރިންތަކެއް ޕާކިސްތާން ޓީމުގައި ތިބުމުންނެވެ.
ޕާކިސްތާން ޓީމަކީ ޔޫރަޕުގެ އެކި ގައުމުތަކުގެ ލީގުތަކުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ. އެގޮތުން ޑެންމާކް، ޕޯޗުގަލް އަދި އިންގިރޭސި ވިލާތުގެ އެކި ފަންތީގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ޕާކިސްތާނު ޓީމުގައި ހިމެނެއެވެ. އޭގެތެރޭގައި ގޯލް ކީޕަރު ޔޫސުފް ބަޓް، އަބްދުﷲ އިޤްބާލް، އަބްދުލް އަރުޝަދު، އީސާ ސުލިމަން، ހާރުން ހާމިދު، ރަހިސް ނަބީ އަދި އޮޓިސް ޚާންގެ އިތުރުން ހަސަން ބަޝީރު ފަދަ ކުޅުންތެރިންނަކީ ޕާކިސްތާން ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.
ނަމަވެސް މި ކުޅުންތެރިންނާއި އެކުވެސް މި ފަހަރުގެ ސާފްގައި ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުގައި ވަނީ އިންޑިއާ އަތުން 0-4 އިން ބަލިވެފަ އެވެ. މުބާރާތުގައި ޕާކިސްތާން ކުޅޭ ދެ ވަނަ މެޗުގައި މިއަދު ނުކުންނާނީ ކުވައިތާއި ދެކޮޅަށެވެ. ކުވައިތު ވަނީ ކުޅުނު ފުރަތަމަ މެޗުން 1-3 އިން ނޭޕާލް ބަލިކޮށްފަ އެވެ.
އިންޑިއާ މެޗަށް ފަހު ޕާކިސްތާނުގެ ކޯޗު އަންވަރު ބުނީ އޭނާގެ ޓީމަށް ކުރިއަށް ކުރިއަށް އޮތް ދެ މެޗަކީ އެންމެ އުނދަގޫވާނެ ދެ މެޗު ކަމަށާއި ކުވައިތަކީ މުބާރާތުގެ އެއް ފޭވަރިޓް ކަމަށެވެ. އެކަމަކު ޕާކިސްތާނަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ބުންޏެވެ.
ކުވައިތު ޓީމަށް ބަލާއިރު، އެޓީމުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅެއް ހޯދާފައި ވުމަކީ ލިބޭނޭ ބޮޑު ހިތްހަމަޖެހުމެކެވެ. މި އަދު ކުޅޭ މެޗުން އެޓީމު މޮޅެއް ހޯދައިފި ނަމަ ދެވަނަ ބުރު ޔަގީންވީއެވެ. ނަމަވެސް މި މެޗުން ބަލިވެއްޖެ ނަމަ ޕްރެޝަރާއި ކުރިމަތިވާނެއެވެ. އެއީ ކުވައިތުން ދެން ބައްދަލުކުރަން ޖެހޭނީ އިންޑިއާ އާއި ކަމަށް ވާތީއެވެ. އިންޑިއާ މެޗަކީ ކުވައިތަށް މޮޅުވާން މާ ފަސޭހަ މެޗަކަށް ނުވާނެއެވެ.
ކުވައިތު އަދި ޕާކިސްތާން ފުޓުބޯޅައިގެ ތާރީޚީ ބައްދަލުކުރުންތައް
މި ދެޓީމު ފަހުގެ ތާރީޚެއްގައި ވާދަވެރި މެޗެއްގައި ބައްދަލުކޮށްފައެއް ނުވެއެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން ހަތަރު ފަހަރެއްގެ މަތިން މި ދެ ޓީމު ބައްދަލުކޮށްފައިވެއެވެ. އެއީ އޭސިއަން އޭއެފްސީ ކަޕް ކޮލިފައިންގައާއި ވޯލްޑް ކަޕް ކޮލިފައިން އަދި އޭސިއަން ގޭމްސްގައެވެ. މި ހުރިހާ ފަހަރަކުވެސް ޕާކިސްތާނަށް ވަނީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައެވެ.
މި ދެޓީމު އެންމެ ފަހުން ވާދަވެރި މެޗެއްގައި ބައްދަލުކޮށްފައިވަނީ 2002 ވަނަ އަހަރު އޭސިއަން ގޭމްސްގައެވެ. މި މެޗު 0-6 އިން ކާމިޔާބު ކުރީ ކުވައިތުންނެވެ.
ޕާކިސްތާން އަދި ކުވައިތު ބައްދަލުކުރާ މެޗު ފަށާނީ މިއަދު މެންދުރުފަހު ތިނެއް ޖަހާއިރު ގައެވެ.