English Edition
Dhivehi Edition
ޗެލްސީ ކޮޅަށް ލަނޑުޖެހުމަށްފަހު ވުލްވްސްގެ ޕެޑްރޯ ނެޓޯ (ވ) އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި 2-1 އިން ވުލްވްސް އަތްދަށުވެ ޗެލްސީން ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވިއިރު، ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓް ބްރޮމްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 1-1 އިން މެންޗެސްޓާ ސިޓީ އެއްވަރުވެއްޖެއެވެ.

ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އަދިވެސް އޮތީ 25 ޕޮއިންޓާއެކު ޓޮޓެންހަމް ހޮޓްސްޕާ އެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ދެވަނައިގައި ލިވަޕޫލް ދެވަނައިގައި އޮތްއިރު، ޓޮޓެންހަމަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ލެސްޓާ ސިޓީ ތިންވަނައިގައި އޮތްއިރު، ސައުތެމްޓަން އޮތީ 23 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ޗެލްސީ އޮތީ 22 ޕޮއިންޓާއެކު ފަސްވަނައިގައެވެ. ހަވަނައިގައި އޮތް ސިޓީ އަށް 20 ޕޮއިންޓް ލިބިފައިވާއިރު، ވުލްވްސް ވަނީ މިއަދަދަށް ޕޮއިންޓް ހަމަކޮށް 10 ވަނައަށް ޖެހިލާފައެވެ.

ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި ހާފުގައި ލަނޑުޖެހުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޗެލްސީގެ ޑިފެންޑަރު ކާޓް ޒޫމާ ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، ވުލްވްސްގެ ޕެޑްރޯ ނެޓޯ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރުވަނަ މިނެޓުގައި ޗެލްސީ އަށް ލީޑުނަގައިދިނީ އޮލިވިއޭ ޖިރޫ އެވެ. މިއީ އެ ޓީމުގެ އިނގިރޭސި ފުލްބެކް ބެން ޗިލްވެލް ނަގައިދިން ހުރަހަކުން ޖިރޫ ކާމިޔާބުކުރި ގޯލެކެވެ. މި ބޯޅަ ގޯލުގެ ރޮނގު ހުރަސްކުރި ފަހުން ވުލްވްސްގެ ކީޕަރު ރުއީ ޕެޓްރީޝިއޯ ބޭރުކޮށްލިނަމަވެސް، ގޯލް ލައިން ޓެކްނޮލޮޖީގެ އެހީގައި ރެފްރީ ވަނީ ގޯލެއް ކަމަށް ނިންމާފައެވެ.

ވެސްޓް ބްރޮމްއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

އޭގެފަހުން، ވުލްވްސްގެ ޑިފެންޑަރު ވިލީ ބޮލީ ލަނޑެއްޖެހުމާ ގާތަށްޖެހިލާފައިވާއިރު، އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 66 ވަނަ މިނެޓުގައި ޑެނިއެލް ޕޮޑެންސް ކާމިޔާބުކުރި ގޯލުންނެވެ. މިއީ ޗެލްސީގެ ޕެނަލްޓީއޭރިޔާތެރެއިން ދެ ޑިފެންޑަރުންގެ ކައިރިން ދެމިގަތުމަށްފަހު ޕޮޑެންސް ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

ވުލްވްސް މޮޅުވި ލަނޑު، މެޗުގެ އިތުރުވަގުތުގައި ޖަހައިދިނީ ޕޯޗުގަލްގެ ޒުވާން ފޯވާޑް ނެޓޯ އެވެ. މިއީ ދެވަނަ ހާފުގައި ކުޅެން ނިކުތް ވިޓީނިއާ ދިން ބޯޅައަކުން ނެޓޯ ކާމިޔާބުކުރި ގޯލެކެވެ. އޭގެކުރީން، ވުލްވްސްގެ ނެޓޯ އަށް ޗެލްސީގެ ފުލްބެކް ރީސް ޖޭމްސް ފައުލްކުރިކަމަށް ޕެނަލްޓީއެއް ދޭން ނިންމުމަށްފަހު ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

އެތިހާދު ސްޓޭޑިއަމްގައި ރޭ ވެސްޓް ބްރޮމްއާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގައި ފެނިގެންދިޔަ ދެލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. މެޗު ފެށިގެން ޑޮމިނޭޓްކުރަމުންދިޔަ ސިޓީން ލީޑްނެގީ 30 ވަނަ މިނެޓުގައި އިނގިރޭސި ވިންގާ ރަހީމް ސްޓާލިން ދިން ބޯޅައަކުން އިލްކާއި ގުންޑޮގާން އެވެ. އެކަމަކު، މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ސިޓީގެ ޑިފެންޑަރު ރުބެން ޑިއާސް އަތުން ބައިކޮޅަށް ވަތް ގޯލަކުން ވެސްޓް ބްރޮމް އިން ވަނީ އެއްވަރުކޮށްފައެވެ. މިއީ އެ ޓީމުގެ ސެމީ އަޖޭޔީ ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑިއާސްގެ ފައިގަ ޖެހި މިސްރާބު ބަދަލުވެގެން ގޮސް ވަތް ގޯލެކެވެ. ސިޓީ މޮޅުކޮށްދިނުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، އެ ޓީމުގެ ގުންޑޮގާން އާއި ސްޓާލިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މޮޅުކުޅުމެއްދެއްކި ވެސްޓް ބްރޮމްގެ ކީޕަރު ސޭމް ޖޯންސްޓޯން އެވެ.

ލީގުގައި މިރޭ ކުޅޭ އެންމެ ފާހަގަކޮށްލެވޭ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ތާވަލްގެ އެންމެ ކުރީގައި އުޅޭ ޓޮޓެންހަމް އެވެ. ލިވަޕޫލްގެ އެންފީލްޑްގައި ކުޅޭ މި މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު 1:00 ގައެވެ. މިރޭ ކުޅޭ އިތުރު މެޗުތަކަށް ބަލާއިރު، ލެސްޓާއާ ދެކޮޅަށް އެވަޓަން ނިކުންނައިރު މިވަގުތު އުނދަގޫ ފައްތަރެއްގައި އޮތް އާސެނަލްއާ ދެކޮޅަށް ސައުތެމްޓަން ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.