English Edition
Dhivehi Edition

ގދ. ތިނަދޫގެ ޖަމިއްޔާއެއް ކަމަށްވާ ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވަރމަންޓް (ޓޭޑް) ޖަމިއްޔާއިން އިސްނަގައިގެން ތިނަދޫގައި ކުރިއަށްގެންދާ “ޕްރިންޓެކް ޕްލޭސްޓޭޝަން ފީފާ ޓޯނަމެންޓް 2020” ގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

ޗެމްޕިއަންކަން ހޯދާ ފަރާތަކަށް “ޕީ.އެސް. 5” އެއް ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހު ޓޭޑް ޖަމިއްޔާގެ ފޭސްބުކް ޕޭޖުގައެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއެކު އެއް ދުވަހުގެ ތެރޭގައި ރަޖިސްޓަރ ކުރި ކުޅުންތެރިންގެ އަދަދު 32 އަށް ވުރެ ގިނަވުމާއި އެކު، މިހާރު ޖުމްލަ 40 ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ނިންމާފައި ވާނެ ކަމަށް ޓޭޑް ޖަމިއްޔާގެ ރައީސް އިނާޒު މުހައްމަދު އޭ.އޯ. ނިއުސް އަށް މަޢުލޫމާތު ދެއްވިއެވެ.

“އަޅުގަނޑުމެން އުއްމީދުކުރީ 32 ކުޅުންތެރިންނާ އެކު މުބާރާތް ކުރިއަށްގެންދިއުމަށް. އެކަމަކު ޕޯސްޓް ކުރި ދުވަހު އެ އަދަދަށް ކުޅުންތެރިން ހަމަވެއްޖެ. އެހެންވެ އެ އަދަދު އިތުރުކޮށްފައި މިހާރު 40 ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ނިންމާފައިވާނީ .” – އިނާޒު

އޮންލައިންކޮށް މި މުބާރާތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ، ގޫގުލް ފޯމުގައި ފުރިހަމަ ނަމާއި އައިޑީ ކާރޑް ނަންބަރު އަދި އުފަން ތާރީހާއި ފޯން ނަންބަރުގެ އިތުރުން އެޑްރެސް ޖެއްސެވުމަށްފަހު ފޮނުވާލުމުން މުބާރާތުގައި ރަޖިސްޓްރީ ކުރެވެއެވެ . ޓޭޑް ޖަމިއްޔާގެ ފޭސްބުކް ޕޭޖުން “ޕްރިންޓެކް ޕްލޭސްޓޭޝަން ފީފާ ޓޯނަމެންޓް 2020” ގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމުގެ ލިންކް ފެންނަން ހުންނާނެއެވެ.

މުބާރާތުގެ މެޗުތަކުގައި ކުޅުންތެރިޔަކު ބޭނުން ޓީމެއް ނަގައިގެން ކުޅެވޭނެ ކަމަށާއި، ދެ ކުޅުންތެރިޔަކު އެއް ޓީމެއް ނަގައިގެން ކުޅެން ބޭނުންވިޔަސް ފީފާ ގޭމް ގައި އެ ފުރުސަތު އޮންނަ ފަދައިން މި މުބާރާތުގައި ވެސް އެ ފުރުސަތު އޮންނާނެ ކަމަށް އިނާޒު ވިދާޅުވިއެވެ.

25 ޑިސެންބަރުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 8 ގްރޫޕަށް ބަހާލައިގެން ގްރޫޕް ސުޓޭޖުގެ މެޗުތައް ކުޅުމަށްފަހު ކޮންމެ ގްރޫޕަކުން 2 ޓީމު ރައުންޑް އޮފް 16 އަށް ދާނެއެވެ. އޭގެ ތެރެއިން ނޮކް އައުޓް އުސޫލުން ކުޅުމަށްފަހު ގަދަ 8 ޓީމު ކުއާޓަރ ފައިނަލަށް ހޮވި ސެމީ ފައިނަލް މެޗާއި އަދި ފައިނަލް މެޗު ކުޅުމަށް ފަހު ޗެމްޕިއަން ޓީމު ހޮވިގެންދާނެ 31 ޑިސެންބަރުގައި ތިނަދޫ މާވަށް ދިހަރޭ ޕާކުގައެވެ.

ތިނަދޫ ޒުވާނުންގެ މެދުގައި ވީޑިއޯ ގޭމް ކުޅުމުގެ ހުނަރު ކުރިއެރުވުމުގެމަގްސަދުގައި އެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ހޯދައި ދިނުމަށްކޮންމެ އަހަރަކު އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރުންގެ ގޮތުގައި ހަމަޖެހިފައިވަނީ ޕްރިންޓެކް އެވެ.