ގދ. ތިނަދޫ ޒުވާނުންނަށް އަމާޒުކޮށްގެން ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވަރމަންޓް (ޓޭޑް) ޖަމިއްޔާއިން އިސްނަގައިގެން ތިނަދޫގައި ކުރިއަށްގެންދާ “ޕްރިންޓެކް ޕްލޭސްޓޭޝަން ފީފާ ޓޯނަމަންޓް 2020″ގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ތިނަދޫ މާވަށް ދިހަރޭ ޕާކުގައި މިރޭ 21:00 ގައި ބޭއްވި މި ރަސްމިއްޔާތުގައި ކޮންމެ ކުޅުންތެރިއަކަށް ވެސް ގުރުއަތު ނަންބަރު ނެގީ, އެ ކުޅުންތެރިއެއްގެ ކުރު ޕްރޮފައިލް ވީޑިއޯ ކްލިޕެއް ދެއްކުމަށްފަހުގައެވެ. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދު ޝަރަފްވެރިކޮށްދެއްވީ މި ރަސްމިއްޔާތުގައި ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް މުޢުނީގެ އިތުރުން ތިނަދޫ ކައުންސިލުގެ މެމްބަރުންނާއި ގދ. އަތޮޅު ކައުންސިލުގެ މެމްބަރުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ތިނަދޫގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ތިނަދޫއަށް ނިސްބަތްވާ ޖަމިއްޔާތަކުގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައި ވެއެވެ.
މި މަހުގެ 25 ވާ ހުކުރު ދުވަހުގެ ރޭ 20:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 40 ކުޅުންތެރިން ބައިވެރިވެފައި ވެއެވެ. މި މުބާރާތް ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ 08 ގުރޫޕް އަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި 05 ޓީމް ހިމެނޭގޮތަށެވެ. ކޮންމެ ރެއަކު 16 މެޗް ކުޅުމަށް ތާވަލް ކުރެވިފައިވާ މި މުބާރާތުގައި ކޮންމެ ގުރޫޕަކުން އެންމެ މޮޅު ދެ ޓީމެއް ގަދަ 16 އަށް ދަތުރުކުރާނެއެވެ.
ގދ. ތިނަދޫ އަށް ނިސްބަތްވާ ޓޭޑް ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ޝިޔާޒް ނައީމް އޭ.އޯ. ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި މުބާރާތަކީ ޓޭޑް ޖަމިއްޔާ، ޖަމިއްޔާއެއް ގޮތަށް ރަޖިސްޓްރީ ކުރިފަހުން ބޭއްވޭ ފުރަތަމަ މުބާރާތް ކަމަށާއި، ނަމަވެސް މީގެ ކުރިން ވާނީ މިފަދަ ދެ މުބާރާތެއް ޖަމިއްޔާގެ މެމްބަރުން އިސްނަގައިގެން ޒުވާނުންނަށް ބާއްވާފައި ކަމަށެވެ.
މުބާރާތުގެ މެއިން ސްޕޮންސަރ, ޕްރިންޓެކްގެ ފަރާތުން މި މުބާރާތުން އެއްވަނަ އަށް ދާ ކުޅުންތެރިއަކަށް ޕީ.އެސް. 5 އެއް ދިނުމަށް ހަމަޖެހިފައި ވާއިރު ދެވަނަ އަދި ތިންވަނައަށް ދާ ފަރާތްތަކަށްވެސް އަގުހުރި އިނާމުތަކެއް ކަނޑަ އެޅިފައިވާ މި މުބާރާތުގެ ބައިވެރިންގެ ފަރާތުން ފާހަގަވި ގޮތުގައި މުބާރާތަކީ ވާދަވެރި ފޯރި ގަދަ މުބާރާތަކަށް ވާނެއެވެ.