English Edition
Dhivehi Edition

ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވަރމަންޓް (ޓޭޑް) ޖަމިއްޔާއިން އިސްނަގައިގެން ތިނަދޫގައި ކުރިއަށްގެންދާ “ޕްރިންޓެކް ޕްލޭސްޓޭޝަން ފީފާ ޓޯނަމަންޓް 2020″ގެ ކުއާޓަރ ފައިނަލާއި ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭނެއެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު ސެމީ ފައިނަލްގައި ވާދަ ކުރާނެ ކުޅުންތެރިން ކަށަވަރުވާނީ މިރޭ ކުއާޓަރ ފައިނަލްގެ މެޗުތައް ކުޅުމަށް ފަހުގައެވެ. ކުއާޓަރ ފައިނަލްގައި ކުޅުމަށް ހަމަޖެހިފައި ވަނީ ސުލައިމާނު މުޙައްމަދު, އަނޫފް އަޙުމަދު, އަޙުމަދު ޔައިޝް, ޙަސަން ޝަޒްލީ, މުޝްފާގު ހަސަން, ފިރުޝާން މުޙައްމަދު, ހަސަން މުނީޒު އަދި ނިރުފާއު އަޙުމަދެވެ.

މިރޭ ބޭއްވި ގުރުއަތުލުމަށް ފަހު ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި ކުޅެން ހަމަޖެހުނީ ސުލައިމާނު އަދި އަނޫފެވެ. ދެވަނަ މެޗުގައި ޔައިޝް އާއި ޙަސަން, ތިންވަނަ މެޗުގައި މުޝްފާގު އާއި ފިރުޝާން އަދި ހަތަރު ވަނަ މެޗުގައި ހަސަން އާއި ނިރުފާއު އެވެ.

ކުއާޓަރ ފައިނަލްގެ ގުރުއަތުލުން ނިންމާލުމަށްފަހު އޭ.އޯ. ނިއުސް އަށް އިންޓަވިއު ދެމުން ކުޅުންތެރިން ބުނީ ކުއާޓަރ ފައިނަލްގެ މެޗުތައް ފޯރިގަދަ ވާނެ ކަމަށާއި އުއްމީދަކީ މޮޅު ކުޅުމެއް ކުޅެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުން ކަމުގައެވެ. ގްރޫޕް ސްޓޭޖުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ބައެއްް ކުޅުންތެރިން ރޭގެ މެޗުތަކުގައި ވެސް ބަލިވެފައި ވާތީ އަދި ޗެމްޕިއަންކަން ހޯދާނެ ކުޅުންތެރިއެއް ބުނަން ދަތިކަމަށް ގިނަ ކުޅުންތެރިން ބުނެއެވެ.

03 އަހަރުގެ މުއްދަތަކަށް ޓޭޑް ޖަމިއްޔާއިން ޕްރިންޓެކާއި އެކު ސޮއިކުރި ކޮންޓްރެކްޓެއްގެ ދަށުން މި މުބާރާތް 2020، 2021 އަދި 2022 ވަނަ އަހަރު ތިނަދޫގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި އަހަރު މި މުބާރާތުން ޗެމްޕިއަންކަން ހޯދާ ކުޅުންތެރިއަކަށް “ޕީ.އެސް. 5” އެއް ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަޕް ކަން ހޯދާ ކުޅުންތެރިއަކަށް ޕްރިންޓެކުން ދޭ ހާއްސަ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މި މުބާރާތުގެ ބެވަރޭޖް ސްޕޮންސަރ “ކެފޭ ސޮލެއިލް” އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ކުޅުންތެރިއަކަށް 1000 ރުފިޔާގެ ވައުޗަރެއް, ރަނަރަޕްކަން ހޯދާ ކުޅުންތެރިއަކަށް 600 ރުފިޔާގެ ވައުޗަރެއް އަދި 03 ވަނަ ހޯދާ ކުޅުންތެރިއަކަށް 400 ރުފިޔާގެ ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.