ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވަރމަންޓް (ޓޭޑް) ޖަމިއްޔާއިން އިސްނަގައިގެން ތިނަދޫގައި ކުރިއަށްގެންދިޔަ “ޕްރިންޓެކް ޕްލޭސްޓޭޝަން ފީފާ ޓޯނަމެންޓް 2020”ގެ ޗެމްޕިއަންކަން އަނޫފް މުޙައްމަދު (ގޮބްލެޓް) ހޯދައިފިއެވެ.
ގދ. ތިނަދޫ ޒުވާނުންގެ މެދުގައި ވީޑިއޯ ގޭމް ކުޅުމުގެ ހުނަރު ކުރިއެރުވުމުގެ މަގްސަދުގައި އެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމަށް ޓޭޑް ޖަމިއްޔާއިން ކުރިއަށްގެންދިޔަ މި މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ގޮބްލެޓު ފައިނަލް މުޗު ކާމިޔާބު ކޮށްފައިވަނީ 3-2 ގެ ސްކޯއަކުން ނިރުފާއު އަޙުމަދު (ނިރުއްޕެ) ބަލި ކޮށްފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗަށް ފަހު މި މުބާރާތުގެ ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިނުމުގެ ހަފްލާ ކުރިއަށްދިޔައީ ތިނަދޫ މާވަށްދިހަރޭ ޕާކުގައެވެ.
ގދ. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަޙުމަދު ސަނީފް (ސަންނަ) ޝަރަފްވެރިކޮށްދެއްވި މި ހަފްލާގައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގޮބްލެޓަށް މުބާރާތުގެ މެއިން ސްޕޮންސަރ ޕްރިންޓެކް”ގެ ފަރާތުން ހުށަހަޅާފައިވާ “ޕްލޭސްޓޭޝަން 5” އަކާއި ބެވަރޭޖް ސްޕޮންސަރ “ކެފޭ ސޮލެއިލް” އިން ހުށަހަޅާފައިވާ 1000 ރުފިޔާގެ ގިފްޓް ވައުޗަރުގެ އިތުރުން “ޔޫރޯ މާރކެޓިންގ”ގެ ފަރާތުން ހުށަހަޅާފައިވާ ގިފްޓް ޕެކެއްވެސް ވަނީ ލިބިފައެވެ.
މުބާރާތުގެ ރަނަރަޕްކަން ހޯދި ނިރުއްޕެއަށް އިނާމެއްގެ ގޮތުގައި “ޕްރިންޓެކް”ގެ ފަރާތުން ހުށަހަޅާފައިވާ ޕްރިންޓަރަކާއި “ކެފޭ ސޮލެއިލް” އިން ހުށަހަޅާފައިވާ 600 ރުފިޔާގެ ގިފްޓް ވައުޗަރާއި “ޔޫރޯ މާރކެޓިންގ”ގެ ފަރާތުން ހުށަހަޅާފައިވާ ގިފްޓް ޕެކު ލިބިފައިވެއެވެ. ހަމައެހެންމެ މުބާރާތުގެ 03 ވަނަ އަށް ހޮވުނު ޙަސަން ޝަޒްލީ އަށް މުބާރާތުގެ ބެވަރޭޖް ސްޕޮންސަރ “ކެފޭ ސޮލެއިލް” އިން ހުށަހަޅާފައިވާ 400 ރުފިޔާގެ ގިފްޓް ވައުޗަރާއި “ޔޫރޯ މާރކެޓިންގ”ގެ ފަރާތުން ހުށަހަޅާފައިވާ ގިފްޓް ޕެކް ލިބިފައިވެއެވެ. މި މުބާރާތުން ވަނަވަނައަށް ހޮވުނު ހުރިހާ ކުޅުންތެރިންނަށް ޓޭޑް ޖަމިއްޔާގެ ފަރާތުން ހަނދާނީ ޝީލްޑެއް ވެސް ވަނީ ދީފައެވެ.
މީގެ އިތުރުން އެންމެ މޮޅު ގޯލު ޖެހި ކުޅުންތެރިޔާ ހޮވުމަށް ހުޅުވާލެވުނު ފުރުސަތުގައި ސަޕޯޓަރުން ދެއްވި ވޯޓުން ހޮވުނު އަލީ ޝީވާން މުޙައްމަދަށް މި ހަފްލާގައި 500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދިނުމާއި މި މުބާރާތުގައި އެކި ގޮތްގޮތުން ޓޭޑް ޖަމިއްޔާއަށް އެހީތެރިވެދެއްވި ފަރާތްތަކާއި ސްޕޮންސަރުންނަށް އެ ޖަމިއްޔާގެ ފަރާތުން ހަނދާނީލިޔުން ދިނުންވެސް މި ހަފްލާގައި ކުރިއަށްދިޔައެވެ.