ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވަރމަންޓް (ޓޭޑް) ޖަމިއްޔާއިން އިސްނަގައިގެން ތިނަދޫގައި ކުރިއަށްގެންދާ “ޕްރިންޓެކް ޕްލޭސްޓޭޝަން ފީފާ ޓޯނަމަންޓް 2020″ގެ ފައިނަލަށް ނިރުފާއު (ނިރުއްޕެ) އާއި އަނޫފް މުޙައްމަދު (ގޮބްލެޓް) ހޮވިއްޖެއެވެ.
މިރޭ ތިނަދޫ މާވަށް ދިހަރޭ ޕާކުގައި ކުޅުނު ސެމީ ފައިނަލު މެޗުތަކުގައި މޮޅު ކުޅުމެއް ކުޅެ މިރޭގެ ފުރަތަމަ މެޗުން ގޮބްލެޓް، މުސްފާގު ޙަސަންގެ މައްޗަށް ކުރިހޯދީ އެކްސްޓްރާ ޓައިމްގަވެސް އެއްވަރު ވުމާއެކު ޕެނެލްޓީގައި ފަސޭހަކަމާއެކު 4-1 ގެ ސްކޯއަކުންނެވެ. ދެވަނަ މެޗުގައި ޙަސަން ޝަޒްލީ ބަލިކޮށް ނިރުއްޕެ ފައިނަލުން ޖާގަހޯދީ ފޯރިގަދަ ކުޅުމެއް ކުޅެ 3-2 ގެ ސްކޯއަކުންނެވެ. މި މެޗުގެ ދެވަނަ ހާފް ނިމުނުއިރު 2-2 އިން އެއްވަރުވެފައި ވަނިކޮށް ކުޅުނު އެކްސްޓްރާ ޓައިމްގެ ދެވަނަ ހާފުގެވެސް އެންމެ ފަހު މިނިޓުގައި ގޯލު ޖަހައިގެން ނިރުފާއު އަޙުމަދު މި މެޗު ކާމިޔާބު ކުރީ ވަރަށް މޮޅު ކުޅެއް ކުޅެގެންނެވެ.
މާދަމާ ރޭ 20:40 ގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލު މެޗުގައި ޗެމްޕިއަންކަން ލިބިއްޖެ ނަމަ އުފާފާޅުކުރުމުގެ ޕިކަޕް ބުރެއް ބާއްވާނެ ކަމަށާއި ބެވަރޭޖް ޕާރޓްނަރު “ސޮލެއިލް ކެފޭ”ގެ ފަރާތުން ދޭ ވައުޗަރަށް ޒުވާނުންނަށް ކޮފީ ދޭނެ ކަމަށްވެސް ނިރުއްޕެ ވަނީ އޭއޯ ނިއުސް އަށް މަޢުލޫމާތު ދެއްވާފައެވެ. މި މުބާރާތުގައި މެޗްތަކަށް ގޮސް އެންމެ މަޑުމައިތިރިކޮށް އިންނަކަން ފާހަގަކުރެވޭ އެއް ކުޅުންތެރިއެއް ކަމުގައިވާ ގޮބްލެޓު، ފައިނަލް މެޗާއި މެދު އެއްޗެއް ދަންނަވަން ބޭނުން ނުވާކަމަށާއި މާދަމާ މެޗުގައި ދައްކާ ކުޅުން ބަލާލަން އެންމެންވެސް އައުމުން ކުޅުމާމެދު ބުނަން ބޭނުންވާ އެއްޗެހި އެނގޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
މާދަމާ ރޭ 20:30 ގައި ތިން ވަނަ އަށް ހޮވޭ ކުޅުންތެރިއެއް ބެލުމަށް ކުޅޭ މެޗުގައި ކުޅުމަށް ހަމަޖެހިފައި ވަނީ މުސްފާގު ހަސަން އާއި ޙަސަން ޝަޒްލީއެވެ. ފައިނަލް މެޗަށް ފަހު މި މުބާރާތުގެ ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިނުމުގެ ރަސްމިއްޔާތު އެ ސަރަޙައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.