English Edition
Dhivehi Edition
ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ މަޤާމަށް އަލްއުސްތާޛު ޢަބްދުއްސަލާމް ޢަލީ ޢައްޔަން ކުރައްވަނީ - ފޮޓޯ: ޑީޖޭއޭ (ޓްވިޓާ)

ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ މަޤާމަށް މިއަދު ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ.

އެގޮތުން އެ މަޤާމަށް މިއަދު ޢައްޔަނުކުރައްވާފައި ވަނީ ށ.މާއުނގޫދޫ، ރޯޒްލީން އަލްއުސްތާޛު ޢަބްދުއްސަލާމް ޢަލީ އެވެ. އަލްއުސްތާޛު ޢަބްދުއްސަލާމް މަޤާމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާޢިޝަތު ރިޒްނާ އެވެ.

ސިވިލް ކޯޓުގެ ރަޖިސްޓްރާރ އަށް އަސާސީ މުސާރައިގެ ގޮތުގައި 13،400ރ. އާއި ޖުޑީޝަލް އެލަވަންސްގެ ގޮތުގައި 7،370ރ. އާއި ސަރވިސް އެލަވަންސް ގޮތުގައި 3،000ރ. އަދި ލިވިންގ އެލަވަންސް ގޮތުގައި 2،700.ރ ލިބޭނެއެވެ.

ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ލިޔެކިޔުންތައް ބަލައިގަތުމާއި، ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ކޯޓުގެ ޤަވާޢިދާ އެއްގޮތަށްތޯ ކަށަވަރުކުރުމާއި، ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، ސިވިލް ކޯޓުގެ ކަލަންޑަރު ތައްޔާރުކުރުމާއި ޝާއިޢުކުރުމާއި، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ދެ ޚަޞްމުންކުރެ ޚަޞްމެއްގެ އެދުމުގެ މަތިން، އެފަރާތުގެ ވަކީލު ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުމުގެ އިތުރުން މަދަނީ މައްސަލަތަކުގައި ހިމެނޭ ފަރާތެއްގެ ބަދަލުގައި އަންނަ ފަރާތެއް ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން އަދި ސިވިލް ކޯޓުގެ ޤަވާޢިދުގައި ކޯޓުގެ ރަޖިސްޓްރަރގެ މަސްޢޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ މަސައްކަތް ކުރުން ހިމެނެއެވެ.