English Edition
Dhivehi Edition

ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ބަދަލުކޮށްފިއެވެ.

ޖޭއެސްސީން ބުނީ، މިއަދުން ފެށިގެން ގާޒީ މުހައްމަދު އީސާފުޅު ސިވިލް ކޯޓަށް ބަދަލުކުރަން ނިންމީ ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

މުހައްމަދު އީސާފުޅު ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީން މާސްޓަސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ އާއި ޔުނިވަސިޓީ އޮފް ގަތަރުން ބެޗަލަސް އޮފް ޝަރީއާ ހާސިލުކުރައްވާފައެވެ.

އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓްކަން، ޖިނާއީ ކޯޓުގެ ގާޒީކަން، ޑްރަގް ކޯޓުގެ ގާޒީކަމާ އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަންވެސް ކުރައްވާފައިވާ މުހައްމަދު އީސާފުޅު ޖުވެނައިލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް އައްޔަންކުރީ 20 ޖޫން 2016ގައެވެ.