އެމެރިކާގެ މަޝްހޫރު ޓޯކްޝޯވ ހޯސްޓު އެލެން ޑި ޖެނެރެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. 17 އަހަރަށްވުރެ ދިގު މުއްދަތަކަށް ދި އެލެން ޑިޖެނެރެސް ޝޯ ހޯސްޓު ކުރަމުން އަންނަ މަޝްހޫރު ކޮމީޑިއަން ވަނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން ޓުވިޓާ މެދުވެރިކޮށް ހަމަކޮށްފައެވެ. އަދި އޭނާއާއި ބައްދަލުވެފައިވާ މީހެއްނަމަ އެކަން އަންގައި ދިނުމަށް ވެސް އެލެން ވަނީ އެދިފައެވެ. ޖެނުއަރީ އާއި ހަމަޔަށް އޭނާގެ ޓޯކްޝޯވ މިހާރު މެދުކަނޑާލާފައިވާއިރު ދަ އެލެން ޑީޖެނެރެސް ޝޯ އަންނަ ބުރާސްފަތި ދުވަހު އަލުން ފަށާނެއެވެ. މިޝޯ މިހާރު ކުރިއަށް ދަނީ ވާޗުއަލްކޮށް މަދު އޯޑިއަންސަކާއެކުއެވެ.
ދުނިޔޭގެ އެތައް ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ އެލެންގެ ޓޯކްޝޯ ކުރިއަށްދަނީ ކެލިފޯނިއާގެ ބާބޭންކް ސްޓޫޑިއޯގައެވެ. ކެލިފޯނިއާގައި ވޭތުވެދިޔަ 2 ހަފްތާގެ ތެރޭވަނީ ކޮވިޑް 19 ގެ ކޭސްތައް އިންތިހާއަށް ގިނަވެފައެވެ. މާޗްމަހުން ފެށިގެން އެސިޓީގެ 1.4 މިލިއަން މީހުންނަށް މިބަލި ޖެހިފައިވާއިރު ބަލީގައި 20400 މީހަކުވަނީ މަރުވެފައެވެ.
— Ellen DeGeneres (@TheEllenShow) December 10, 2020
ކޮވިޑް 19 ޖެހޭ ގިނަ މީހުންނަކީ ހުންއައުމާއި ކެއްސުންފަދަ ވަރަށް އާދައިގެ ޢަލާމާތްތަކެއް ފެންނަ މީހުންނެވެ. ޢުމުރުން ދުވަސްވީ މީހުންނާއި ސިއްޙީ މައްސަލަތައް ހުންނަ ބައެއް މީހުން މިބަލީގައި ޙާލު ސީރިއަސްވެ ނިއުމޯނިއާ ޖެހި ފުރާނައަށް ނުރައްކާވާޙާލަތް މެދުވެރި ވެއެވެ. ދުނިޔޭގައި މިބަލި ޖެހުނު ގިނަ މީހުން ބަލިން ރަނގަޅުވެފައިވާއިރު ޑަބްލިއު އެޗްއޯ އިން ހާމަ ކޮށްފައިވަނީ އާދައިގެ ކުދި ޢަލާމާތްތައް ފެންނަ މީހުންވެސް 2 ހަފްތާއިން ރަނގަޅުވާ ކަމަށެވެ. ބަލީގެ އުނދަގޫ ބޮޑަށް ފޯރާ ފަރާތްތައް އެއްކޮށް ރަނގަޅު ވުމަށް 3 ހަފްތާއާއި 6 ހަފްތާގެ މުއްދަތެއް ނަގައެވެ.