English Edition
Dhivehi Edition
ޕީޖީ ހުސައިން ޝަމީމް - ފޮޓޯ: ސަން

ދައުލަތުގެ ބެލުމުގެ ދަށުގައި, ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ އުމުރުން 18 އަހަރު ނުފުރޭ ކުދިންތަކަކަށް އަނިޔާކުރި މައްސަލައިގައި އެތަނުގެ ހަ މުވައްޒަފެއްގެ މައްޗަށް ދައުވާކޮށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

މި މައްސަލައަކީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކަކަށް އެތަނުގައި މަސައްކަތްކުރި މުވައްޒަފުންތަކެއްގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުކުރުވާ ގޮތަށް އަދި އެކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެކެވެ.

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކޮށް އެ ކުދިންގެ ކަރާމަތަށް ގެއްލުންވާ ގޮތަށް އެތަނުގެ މުވައްޒަފުންތަކެއް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުވާ އެ މައްސަލަ ފުލުހުންގެ ބަލަން ފެށީ ޕީޖީއަށް ލިބޭ ބާރުގެ ދަށުން، މި މައްސަލަ ބެލުމަށް މިއަހަރުގެ އޮކްޓޯބަރުމަހު ޕީޖީ ޝަމީމް ފުލުހުންގެ މައްޗަށް އަމުރުކުރެއްވުމާ ގުޅިގެންނެވެ.

މި މައްސަލައާއި ގުޅޭ ގޮތުން މިއަދު ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިއީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ޕީޖީގެ ސަމާލުކަމަށް ގެނައި މައްސަލައެއް ކަމަށެވެ.މި މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން އެ މައްސަލަ ޕީޖީއަށް ފޮނުވުމުން އެ މައްސަލައިގައި ދައުވާކޮށްފައިވާ ފަރާތްތަކަކީ

  • މުޙައްމަދު ޝަރީފް ކ. މާލެ، ވ.ސަމާރިޔާ (ގައިގާ އަތްލުމުގެ ދައުވާ.)
  • ޙުސައިން އަޙްމަދު ކ. މާލެ، ވ.ފަންސި (ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ)
  • ޢަލީ އަޙްސަން ކ. މާލެ، މ.ރިއޯ (ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން އަދި ގައިގާ އަތްލުމުގެ ދައުވާ)
  • ނަޖިޙް އަޙްމަދު އަކިރިފުށި ކ. މާލެ، (ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން. އަދި ގައިގާ އަތްލުމުގެ ދައުވާ)
  • އަޙްމަދު ވަނޫދު ކ. މާލެ، މ. ފޯސީޒަން (ގައިގާ އަތްލުމުގެ ދައުވާ އާއި ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ)
  • ޙުސައިން ޙަމްދޫން ކ. މާލެ، ގ. އާސްމާން (ބިރުދެއްކުމާއި ގައިގާ އަތްލުމުގެ ދައުވާ)

އިތުރަށް ޕީޖީ އިން ބުނީ ދައުވާ ކުރި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު ޖިނާއީ ކުށްތަކުގެ މައްސަލަތައް އަދިވެސް ތަހުގީގީ އިދާރާތަކުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދޮ އެ ތަހުގީގުތައް ނިމުމުން، ލިބޭ ހެއްކާއި ގަރީނާއަށް ބަލައި، ދައުވާ ކުރަން ޖެހޭ ކަމަށް ފެންނަ ނަމަ ދައުވާ ކުރާނެ ކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ