އައްޑޫ ސިޓީ ހުޅުދޫގައި އިއްޔެ ބިންގާ އެޅިގެންދިޔަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ނިންމާ ހިދުމަތް ދިނުމުގެ މަސައްކަތްކުރައްވާނެކަމަށް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.
ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އައިޝަތު އަލީ ވިދާޅުވީ ހުޅުމީދޫގައި ގައީމްކުރެވޭ ރިހިބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ނިމުމުން ވަރަށް ގިނަ ހިދުމަތްތަކެއް ދެވިގެންދާނެކަމަށެވެ. “އޭގެ ތެރޭގައި ޤާނޫން އަޅުގަނޑުމެންނަށް ލާޒިމްކުރާ ވަރަށް ގިނަ ހިދުމަތްތައް އަޅުގަނޑުމެން ހުއްދަކުރާނަން.” އައިޝަތު އަލީ ވިދާޅުވިއެވެ. ޤާނޫން ހުއްދަކުރާ ހިދުމަތްތަކަށް އަލި އަޅުވާލަމުން މިނިސްޓަރ ވިދާޅުވީ ރަށުގައި ނުވަތަ އަމިއްލަ ވަޒަނުގައި ހުރެގެން ފަރުވޭދޭ ނިޒާމްގެ ތެރެއިން ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެކަމަށެވެ.
އައްޑޫ ސިޓީއަކީ ގިނަ އަދަދެއްގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ސިޓީއެއްގެ ގޮތުގައި ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން ބޮޑެތި ތަކްލީފްތައް ލިބިގެންދާ އާއިލާތައް ވަރަށް ގިނަކަމަށެވެ. ރަށުގައި ހުރެގެން މުޖްތަމައުން ފަރުވާ ފުރިހަމަކުރާ ނިޒާމްގެ ހިދުމަތް މި ސެންޓަރުން ލިބިގެންދާނެކަމަށް ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މަރުކަޒުގައި ޑިޓޮކްސިފިކޭޝަން ގެންދިއުމުގެ އިތުރަށް މިނިސްޓްރީ އޮފް ހެލްތާއި މަޝަވްރާކުރެވިގެން ހެލްތް ސެންޓަރުތަކުންވެސް މެޑިކަލް ޑިޓޮކްސިފިކޭޝަން ދެމުން ގެންދިއުމަށް މަސައްކަތްކުރައްވަމުން ގެންދާކަމަށެވެ.
ޑިޓޮކްސިފިކޭޝަންގެ ފަހުންވެސް ކުރަންޖެހޭ ގިނަ މަސައްކަތްތައް ހުރިކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ރިކަވަރީގެ ގިނަ ޕްރޮގްރާމްތައް ރާވާ އެ ޕްރޮގްރާމްތައް ހިންގުމަށް މީހުން ތަމްރީން ކުރަންޖެހޭ ކަމަށެވެ. “އަޅުގަނޑު ވަރަށް އުފާވޭ ޑެޕިއުޓީ ހައި ކޮމިޝަނާގެ ވާހަކަފުޅުގައި ކެޕޭސިޓީ ބިލްޑިންގެ ވާހަކަ ވިދާޅުވުމުން. ހަގީގަތުގައި ސައުތް އިންޑިއާގައިވެސް އެބަހުރި ވަރަށް ރަނގަޅު ރިކަވަރީ އެންޑް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް. އަޅުގަނޑުމެންނާއި، ތިބޭފުޅުންނާއި އެކު މަސައްކަތް ކޮށްގެން މީހުން ތަމްރީންކޮށް، ތަމްރީން ލިބިފައި ތިބި ގާބިލް، މިކަމަށް އެދޭ ބަޔަކާއެކު މަސައްކަތްކޮށް ކުރިއަށް ގެންދިއުމަށް ބަލާނަން”މިނިސްޓަރ ވިދާޅުވިއެވެ.
މިކަމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލަމުން މިނިސްޓަރ ވިދާޅުވީ މިކަމުގައި އާއިލާ އާއި އެކު އެއްވެސް މަސައްކަތްނުކުރެވުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ. “މިސާލަކަށް ހިތްމަފުށީގައި ތިންމަސް ދުވަސް ހޭދަކޮށް އެބުރި އަންނައިރު އާއިލާ އާއި އެކު އެއްވެސް މަސައްކަތެއް ކުރެވިފައި ނެތުމުން އަންނަން މިޖެހެނީ އެއްވެސް ބަދަލެއް ނުވެ އޮތް މުޖްތަމައެއްގެ ތެރެއަށް. އާއިލާ ތެރެއަށް، ގެއަށް ކޮޓަރިއަށް، އެހެންކަމުން ވަރަށް ފަސޭހަ އަލުން މަސްތުވާތަކެތީގެ ތެރެއަށް ދާން” މިނިސްޓަރ ވިދާޅުވިއެވެ. މިކަމަށް އޮތް އެންމެ އެދެވިގެންވާ ހައްލަކީ މުޅި މުޖްތަމައާއި ހުރިހާ ޖަމްމިއަޔް ޖަމާއަތްތަކުން ގުޅިގެން އެކީގައި އެއް އަމާޒަކަށް މަސައްކަތްކުރުންކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.”މިތަން އަޅަމުންދާ އިރު އަޅުގަނޑުގެ އުއްމީދަކީ މުޖްތަމައާއިއެކު، ކައުންސިލާއިއެކު، އެންޖީއޯސްއާއި އެކު މަސައްކަތްކޮށްގެން އަޅުގަނޑުމެން ހިދުމަތްދޭން ފަށާ ހިސާބުން ފެށިގެން ކޮމިއުނިޓީ އާއި އެކު ރިހިބިލިޓޭޝަން ކުރިއަށް ގެންދިއުމަށް ގިނަ ކަންކަން ޕްލޭން ކުރުން. އެކަންކަން ރޭވިފައި ނެތްކަމަށް ވަންޏާ، ހަމައެކަނި ނަމެއްގަ ކަންތައްތަކެއް ކޮށްފަ މީޑީއާއަށް އަދަދުތަކެއް ދިނުން ކަމަކަށްވާނީ” މިނިސްޓަރ ވިދާޅުވިއެވެ.މި ވަބާއިން މުޖްތަމައުގެ ގިނަ ބަޔަކު ސަލާމަތްވެގެން ދިއުމަކީ މުޖްތަމައަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވަނީ މި މަސައްކަތުގައި މުޅި އައްޑޫސިޓީ އިން ބައިވެރިވެ ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދި ވަޑައިގެންފައެވެ.