English Edition
Dhivehi Edition
ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަ ކުރުމަށް އައްޑޫނޭޗަރ ޕާކުގައި ކުރިއަށް ގެންދިޔަ / ހަރަކާތުގެ ބައިވެރިން- ފޮޓޯ -އަލީ ނާސިރު- އޭއޯނިއުސް

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް ) ގެ އައްޑޫ ޗެޕްޓަރ އިން އިންތިޒާމު ކޮށްގެން އައްޑޫގެ މުއައްސަސާތައް ގުޅިގެން ބައިނަލް އަގުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް އައްޑޫގައި ފާހަގަކޮށްފިއެވެ.

އައްޑޫ ނޭޗަރ ޕާކުގައި ކުރިއަށް ގެންދިޔަ މި އިވެންޓުގައި ސްކީމާއި ނޭޗަރ ޕާކުގެ އިތުރުން 10 މުއައްސަސާއަކުން ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތުގައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން މައުލޫމާތު ދިނުމާއިއެކު، ފޯރިގަދަ ޓީމްބިލްޑިންގ އިވެންޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޓީމް ބިލްޑިންގ އިވެންޓް ކުރިއަށް ގެންދިޔައީ އައްޑޫ ނޭޗަރ ޕާކުގެ މުއައްޒަފުންނާއި ސްކީމް މެމްބަރުން ގުޅިގެންނެވެ. އަދި މައުލޫމާތު ސެޝަން ފެސިލިޓޭޓް ކޮށްދެއްވެވީ ކުއައިރޯގެ ފައުންޑަރ ސަމާ އިބްރާހިމް ދީދީއެވެ.

މި ހަރަކާތުގެ މަގުޞަދަކީ ކޮމިޔުނިޓީ މެމްބަރުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ އެތެރުން އެކަކު އަނެކަކު ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ބުނެދީ ނަފްސާނީ ދުޅަހެޔޮ މުޖުތަމައެއް ގާއިމު ކުރުމުގައި ކޮމިޔުނިޓީ މެމްބަރުންގެ ގޮތުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމެވެ.

ސްކީމާއި ނޭޗަރ ޕާކުގެ އިތުރުން މި ހަރަކާތުގައި ބައިވެރިވި މުއައްސަސާ ތަކަކީ

1- އައްޑޫސިޓީ ކައުންސިލް އިދާރާ

2- އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް

3- މޯލްޑިވްސް ކަސްޓަމް ސަރވިސް

4- ހުޅުމީދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ

5- ހިއުމަން ރައިޓްސް ކޮމިޝަން

6- ސ. ޖުޑިޝަލް ކްލަސްޓަރ

7- ބިންގާ ޖަމިއްޔާ

8- އައްޑޫވިމެންސް އެސޯސިއޭޝަން

9- ޔަންގް ލީޑަރސް އެންޖީއޯ

10- އައްޑޫ ސިޓީ ޕޮލިސް. އެވެ.

ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވި ޓީމު ތަކުގެ ތެރެއިން ވަނަވަނަ އަށް ދިޔަ ޓީމު ތަކަށް ސްކީމުން ވަނީ ފައިސާގެ އިނާމު ދީފައެވެ.

 

މިއަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ޝިޢާރަކީ “އިންސާނީ ކާރިސާތަކުގައި ނަފްސާނީ ދުޅަހެޔޮކަން” އެވެ. މި ދުވަސް ފާހަގަކުރަނީ ނަފްސާނީ މައްސަލަތަކުގައި ހޭލުންތެރިކަން އިތުރުކޮށް ބައިނަލް އަގުވާމީ ފެންވަރުގައި އެކަމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށެވެ.