ޗެލްސީ ޖެހިލުންވާވަރުގެ ޓީމެއް ޔޫރަޕްގައި ނެތް ކަމަށް ޖަރުމަނުގެ މިޑްފީލްޑަރު ކާއީ ހާވާޓްޒް ބުނެފިއެވެ.
އުމުރުން 21 އަހަރުގެ ހާވާޓްޒް ބުނީ ވަރުގަދަ އެހެން ޓީމުތަކޭ އެއްފަދައިން މިފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުޞަތު ޗެލްސީ އަށް ވެސް އެބައޮތް ކަމަށެވެ.
“ޗެލްސީ އަށް ޗެލެންޖު ކުރެވޭނެ މާގިނަ ކުލަބުތަކެއް ނެތް،” ހާވާޓްޒް ބުންޏެވެ.
ހާވާޓްޒް އިތުރަށް ބުނީ ޗެލްސީގައި މިހާރު އޮތް ސްކޮޑު ވަރުގަދަ ކަމަށާއި، އައު ކުޅުންތެރިންނާއެކު އިތުރަށް ވަރުގަދަ ވާން ޖެހޭނެ ކަމަށެވެ. އަދި އެ ޓީމުގައި މިވަގުތު ތިބި ޒުވާން ކުޅުންތެރިންނާއި ދުވަސްވީ ކުޅުންތެރިންގެ ދެމެދުގައި ދަނޑުމަތީގަ އާއި ދަނޑުބޭރުގައި އޮތް ގުޅުން ވެސް ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަ ކަމަށް ވެސް ހާވާޓްޒް ފާހަގަކުރިއެވެ.
“ހުރިހާ އެންމެންނަށްވެސް އެނގޭނެފަދައިން ރޭގެ މެޗުގައި ދަނޑުމަތީގައި ފެނުނު ކުޅުމާއި މިދިޔަ ހަފްތާ ބަންދުގައި ކުޅުނު މެޗުގެ ކުޅުމަށް ބަލާލުމުން ވެސް ޓީމު ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވޭނެ،”
“މިވަގުތު އޮތް ސްކޮޑުގައި ރަނގަޅު ކުޅުންތެރިންތަކެއް އެބަތިބި.” ހާވާޓްޒް ބުންޏެވެ.
މި ފަހަރުގެ ސީޒަނަށް 80 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް ބަޔާ ލެވަކޫސަން އިން ޗެލްސީ އަށް ބަދަލުވެ ހާވާޓްޒް އަށް ތަފާތު މޮޅު ކުޅުމެއް ދެއްކިފައިނުވީނަމަވެސް، އެ ޓީމުން ކުރި ބޮޑު ހޭދައާއެކު ޕްރިމިއާ ލީގުގެ އިތުރުން ޔޫރަޕްގައި ވެސް އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.
ޗެލްސީން ލީގުގައި މިހާތަނަށް ކުޅުނު 11 މެޗަށްފަހު އޮތީ 22 ޕޮއިންޓާއެކު ތިންވަނައިގައެވެ. އަދި ޗެމްޕިއަންސް ލީގުގައި އެ ޓީމު ހިމެނުނު ގްރޫޕް އީ ގައި ސެވިއްޔާ ފަހަތަށް ޖައްސާލުމަށްފަހު އެއްވަނަ ޓީމުގެ ގޮތުގައި ނޮކްއައުޓް ބުރުން ވަނީ ޖާގަ ހޯދާފައެވެ.