English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ފޮޓޯ: ރިޒްނާ ޒަރީރު

އިންކަމް ސަޕޯޓު އެލަވަންސް ދިނުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެވޭ އިންކަމް ސަޕޯޓު އެލަވަންސް ދިނުމުގެ މުއްދަތު މި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

އަދި އެ އެލަވަންސް ދިނުމުގެ މުއްދަތު އިތުރުކުރެވިފައިވަނީ 9 އޮގަސްޓް 2020 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ “ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު” ގެ 11 ވަނަ މާއްދާގެ (ށ) ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަމުގައިވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އެ އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި، ރާއްޖޭގައި އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށެވެ. އަދި އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ލިބޭނީ ގިނަވެގެން 5،000ރ. ކަމުގައިވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.