ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގުޅިގެން ގއ. ގެމަނަފުށީގައި ކުރިއަށް ގެންދިޔަ ޗައިނާ ބަސް ކިޔަވައިދިނުމުގެ ބޭސިކް ކޯހުން އެއްވަނަ ހޯދި ގއ. ގެމަނަފުށީ ދޮންބަގީޗާގޭ އަޙްމަދު ޝާވީ ރާފިއުއަށް ޗައިނާގައި ކިޔެވުމުގެ ސްކޮލަޝިޕް ފުރުސަތު، ސީއެމްސީއޭއިން ހޯދައިދީފިއެވެ.
ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެއްހަފްތާގެ މުއްދަތަށް ގެމަނަފުށީގައި ކުރިއަށް ގެންދިޔަ މި ކޯހުން އެންމެ މޮޅު ދަރިވަރަކަށް ޝާވީ ހޮވިފައިވާއިރު ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ގެމަނަފުށީ ސޯމާ އައިޝަތު ދިފްނާއެވެ. އަދި 3 ވަނަ ހޯދާފައިވަނީ އެރަށު ސަންޝައިން މުޙައްމަދު އަޙްނަފް އާމިރެވެ.
ގެމަނަފުށީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 22 ދަރިވަރުން ވަނީ ބައިވެރިވެ ޕްރޮގްރާމު ކާމިޔާބު ކަމާއެކު ފުރިހަމަ ކޮށްފައެވެ.
ދެކުނުގެ ހަތަރު އަތޮޅުގައި ސީއެމްސީ އާއި ސްކީމް ގުޅިގެން ކުރިއަށް ގެންދިޔަ ސިލްސިލާ ކުލާސްތަކަކީ، ރިސޯޓުތަކުގައި މަސައްކަތް ކުރާ ޒުވާނުންނަށް މިދުވަސްވަރު ޗުއްޓީގައި ތިބޭއިރު ޗައިނާ ބަސް ދަސްކުރުމަށް ފުރުސަތު ހޯދައި ދިނުމާއި އަދި ރާއްޖެއިން ތަފާތު އެކި ބޭނުންތަކަށް ޗައިނާއަށް ދާ ފަރާތްތަކަށް އެތަނުގައި އަމިއްލަ އަށް އުޅެވޭ ވަރަށް ބަސް ދަސްކޮށްދިނުމުގެ މަގްޞަދުގައި ކުރިއަށް ގެންދިޔަ ކުލާސްތަކެކެވެ. އެގޮތުން ސީއެމްސީއޭއިން އައްޑޫގައި ހިންގި ކުލާސް ކާމިޔާބު ކަމާއެކު ނިންމައި ކުލާހުން 1 ވަނަ އަށް އައި ދަރިވަރާއި ފުވައްމުލަކުން ވަނަ ހޯދި ދަރިވަރުން ޗައިނާގެ ޔައާން ޔުނިވަރސިޓީގައި އޮންލައިން ކޮށް މިހާރު ސްކޮލަރޝިޕް ފުރިހަމަ ކުރަމުން އަންނައިރު ދަރިވަރުންގެ ވިސާ ހަމަޖެހުނުހައި އަވަހަކަށް އެ ދެ ދަރިވަރުންވެސް ޗައިނާ އަށް ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ގދ. އާއި ގއ އިން އެވޯޑް ލިބުނު ދެ ދަރިވަރުންނަށް އަންނަ އަހަރު ޗައިނާގެ ޔުނިވަރސިޓީއެއްގައި ކިޔެވުމަށް ފުރުސަތު ހޯދައި ދެވޭނެއެވެ.
ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ. 2015 ވަނަ އަހަރު ވުޖޫދަށް އައި މިޖަމިއްޔާގެ ފައުންޑަރ އަދި ޗެއަރމަން އަކީ މީގެ ކުރިން ރާއްޖޭއިން ޗައިނާއަށް ކަނޑައަޅުއްވަވާފައިވާ ސަފީރެއްގެ މަގާމު އަދާކުރެއްވެވި ބޭފުޅެއް ކަމުގައިވާ މުހައްމަދު ރަޝީދެވެ.
ތިރީގައި މިވަނީ ކޯހުގައި ބައިވެރިވި ދަރިވަރުން ތައްޔާރުކޮށްފައިވާ ވީޑިއޯ އެކެވެ. މިވީޑިއޯގައި އެ ދަރިވަރުން ވަނީ ގެމެނަފުށީގެ ރީތިކަން ޗައިނާ ބަހުން ކިޔައިދީފައެވެ.