ޗައިނާގެ ޓީވީ ޕްރޮގްރާމުތައް ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ލައިސަސްން ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއޭމްސީ) އިން ހިންގަމުން އަންނަ ނޮން ޕްރޮފިޓް ޓީވީ ޗެނަލެއް ކަމަށްވާ “އޯޝަން ޓީވީ” އަށް ދެއްވައިފިއެވެ.
އިއްޔެ ހަވީރު މާގިރި ހޮޓެލް ގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ޗައިނާގެ ޓީވީ ޕްރޮގުރާމްތައް ބްރޯޑްކާސްޓްކުރުމުގެ ލައިސެންސް ދިނުމުގެ އެއްބަސްވުމުގައި އެ ޖަމިއްޔާއާއެކު ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އިން ވަނީ ސޮއިކޮށްފައެވެ. ސީއެމްސީއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއެމްސީއޭގެ ޗެއާޕާސަން މުޙައްމަދު ރަޝީދެވެ. އަދި ޗައިނާ އެމްބަސީގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވަވާފައި ހުންނަވާ އެމްބެސެޑަރ ވޮން ޗިލިންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްބެސެޑަރ ވޮން ޗިލިން ވިދާޅުވީ މިއީ މިފަދަ މަސައްކަތެއް ރާއްޖޭގައި ފެށުނު ފުރަތަމަ ފަހަރު ކަމަށާއި މި އެއްބަސްވުމުގެ ދަށުން ޗައިނާގެ ޗައިނާގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ގިނަ ޓީވީ ޕްރޮގުރާމްތަކެއް ރާއްޖޭގައި ދެއްކޭނެ ގޮތް ވުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވުމާއި ޗައިނާގެ ސަގާފަތް ރާއްޖޭގެ ގިނަ ބަޔަކަށް ދަސްވުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއް ކަމަށެވެ. މީގެ އިތުރުން ވެސް ދެ ގައުމުގެ ސަގާފަތް ބަދަލުކުރުމާއި ގުޅޭ ގޮތުން ރާއްޖޭގައި ކުރިއަށް ގެންދަވަން ހަމަޖައްސަވާފައިވާ ޕްރޮގްރާމުތަކާއި ބެހޭގޮތުން އެމްބެސެޑަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ސީއެމްސީއޭ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ޗައިނާގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ގިނަ ޓީވީ ޕްރޮގުރާމްތަކެއް ދެއްކުމުގެ ހުއްދަ “އޯޝަން ޓީވީ” އަށް ލިބިގެންދާނެއެވެ.
ސީއެމްސީއޭއިން “އޯޝަން ޓީވީ” ގެ ނަމުގައި ޓީީވީ ޗެނަލެއް ފަށާފައިވަނީ 2017 ވަނަ އަހަރުގައެވެ. އެއީ ޖަމިއްޔާ ގެ މަސައްކަތް ފެށިތާ 2 އަހަރު ފަހުންނެވެ. ދިރާގު އައިޕީ ޓީވީގެ ޗެނަލް ނަމްބަރު 15، “އޯޝަން ޓީވީ” އިން ކޮންމެ ރެއެއްގެ 8:00 އިން 12:00 އަށް ޕްރޮގްރާމުތައް އޮންއެއަރ ކުރާއިރު މި ޗެނަލްގެ މަގުސަދަކީ ޗައިނާ ހިމެނޭހެން އެކިއެކި ގައުމުތަކުގެ ސަގާފަތު ދިރުވައި އާލާކުރުމަށް ޕްރޮގުރާމްތަކާއި ޑޮކިއުމެންޓްރީތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއެމްސީއޭގެ ޗެއާޕާސަން މުޙައްމަދު ރަޝީދު ވިދާޅުވީ، މި އެއްބަސްވުމަކީ ދެ ގައުމުގެ ސަގާފަތް ދިރުވައި އާލާކުރުމަށް ހުޅުވުނު އިތުރު ދޮރެއް ކަމަށެވެ. އަދި މިއީ ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެޅުނު މުހިންމު ފާލަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޗައިނާ އާއި ރާއްޖެއާއި ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން އުފެދުނުތާ 50 އަހަރު ފާހަގަ ކުރުމާއި ގުޅުވައިގެން ސީއެމްސީއޭ އާއި ގުޅިގެން ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އިން ކުރައްވަވަމުން ގެންދަވާ މަސައްކަތްތަކާއި ދެއްވަވާ އެއްބާރުލުމަށް ރަޝީދު ވަނީ ޝުކުރު އަދާ ކުރައްވަވާފައެވެ.
ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ. 2015 ވަނަ އަހަރު ވުޖޫދަށް އައި މިޖަމިއްޔާގެ ފައުންޑަރ އަދި ޗެއަރމަން އަކީ މީގެ ކުރިން ރާއްޖޭއިން ޗައިނާއަށް ކަނޑައަޅުއްވަވާފައިވާ ސަފީރެއްގެ މަގާމު އަދާކުރެއްވެވި ބޭފުޅެއް ކަމުގައިވާ މުހައްމަދު ރަޝީދެވެ.