English Edition
Dhivehi Edition
ސެންޗޫރިއަންގެ ޝިޕިންގ ބޯޓެއް - ފޮޓޯ: ސެންޗޫރިއަން

ޤަވާއިދާ ޚިލާފަށް އިތުރު ފީ ނަގާ ޝިޕިންގ އެޖެންޓުންނާމެދު ފިޔަވަޅު އަޅާނެ ކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ޝިޕިންގ އޭޖެންސީ ޤަވާއިދަށް ނޮވެމްބަރ 2020 ގައި އަމަލުކުރަން ފެށުމާއި ގުޅިގެން، އިންކޯ ޓާރމްސް ގެ ދަށުން ޝިޕިންގ އެޖެންޓާއި ކޮންސައިނީއާއި އެއްބަސްވެފައިވާ ޚިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނުވަތަ ޗާޖެއް ނުނެގޭނެކަމަށް އެ ޤަވާއިދުގެ 9 މާއްދާގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ބައެއް ޝިޕިންގ އެޖެންސީތަކާއި އެޖެންޓުން އަމަލުކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ޝިޕިންގ އެޖެންސީ އާއި ބެހޭ ޤަވާއިދުގެ 9 ވަނަ މާއްދާއާއި ޚިލާފަށް އެއްވެސް އެޖެންޓަކު އިތުރު ޗާޖަސް ނެގޭނެކަމަށް އިއުލާންކޮށްގެން ފީއެއް ނުވަތަ ޗާޖެއް ނެގުމަކީ އެ ގަވާއިދުގެ ދަށުން މަނާ ކަމެއް ކަމުގައިވެސް އިޢުލާނުގައި ބުނެފައިވެއެވެ.

އަދި އެގޮތަށް ފީ ނުވަތަ ޗާޖަސް ނަގާ ފަރާތްތަކާ މެދު އެ ޤަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައިވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވެއެވެ.