އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ނަންބަރު ބޯޑު “އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް” ފެއްތުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އަންގައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ ޤާނޫނު ނަންބަރު 2009/5 “އެއްޤަމު ދަތުރު ފަތުރު ޤާނޫން” ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެކުލަވާލެވިފައިވާ ޤަވާޢިދު “އެއްޤަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދު”ގެ 8 ވަނަ މާއްދާ އަދި މިޤަވާޢިދުގެ 9 ވަނަ މާއްދާގައިވާ ފަދައިން ނޫން ކަމަށް އެ މިނިސްޓްރީއަށް ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.
އެހެންކަމުން އެއްޤަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު އެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ މިންގަނޑާއި އެއްގޮތަށް ބޭނުން ކުރުމަށް ޢާއްމުކޮށް އަންގާ އިއުލާން ކުރާ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދުގައި ބުނެފައިވާ ގޮތުގައި ނަމްބަރު ބޯޑުގެ އަކުރުތައް ހުންނަން ވާނީ “އޭރިއަލް ބޯލްޑް” ފޮންޓުންނެވެ. އަކުރުތަކުގެ ސައިޒު ހުންނަންވާނީ ގަވައިދުގައި ފާހަގަކޮށްފައިވާ ގޮތަށް ކަމަށާއި މިއާއި ޚިލާފަށް ނަންބަރު ބޯޑުގެ އަކުރުތައް ހަދައިގެން ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ. ގަވައިދުގައިވާ ގޮތުގައި ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި އަކުރުތައް އެއް މިލިމީޓަރަށްވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުން ކުރުމަކީ މަނާކަމެކެވެ.
ވިޔަފާރި އުޞޫލުން ބޭނުންކުރާ އުޅަނދުތަކުގެ ނަމްބަރު ބޯޑު ހުންނަންވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުންނެވެ. ކޮޮންސިއުލަރ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައެވެ.