English Edition
Dhivehi Edition
ބާސެލޯނާ ކޮޅަށް ލަނޑުޖެހުމަށްފަހު ކާޑިޒްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ކާޑިޒް އަތުން ބާސެލޯނާ ބަލިވިއިރު، ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

މިއީ ވޭތުވެދިޔަ 29 އަހަރުގެ ތެރޭގައި ބާސެލޯނާ އަތުން ކާޑިޒް މޮޅުވި ފުރަތަމަ ފަހަރެވެ. އަދި ކާޑިޒް ވަނީ މި ފަހަރުގެ ސީޒަނުގައި ރެއާލް ވެސް ބަލިކޮށްފައެވެ.

ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ އަށް 10 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ރެއާލް ސޮސިއެޑާޑެވެ. ތިންވަނައިގައި އޮތް ރެއާލާއި ހަތަރުވަނައިގައި އޮތް ވިޔަރެއާލަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. ބާސެލޯނާ އޮތީ 14 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެވެ.

ކާޑިޒްގެ އެސްޓާޑިއޯ ރާމޮން ޑެ ކަރާންޒާގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑްނެގީ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން 8 ވަނަ މިނެޓުގައެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ އަލްވާރޯ ހިމެނޭޒް އެވެ. މި ގޯލާއެކު ފުރަތަމަ ހާފު އެ ޓީމުން ނިންމާލީ 1-0 އިން ކުރީގައިއޮވެގެންނެވެ.

ސެވިއްޔާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ލަލީގާ.ކޮމް

ދެވަނަ ހާފުގެ ކުޅުން ފެށިތާ 12 ވަނަ މިނެޓުގައި ބާސެލޯނާ އިން އެއްވަރުކުރީ ކާޑިޒްގެ ޕެޑްރޯ އަލްކާލާ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. އޭގެފަހުން، މެޗުގެ 63 ވަނަ މިނެޓުގައި ބާސެލޯނާގެ ކްލެމެންޓް ލެންގްލޭ އާއި ކީޕަރު މާކް އަންދްރެ ޓަ ސްޓެގަން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ކާޑިޒް އަށް ދެވަނަ ލަނޑުޖަހައިދިނީ ކުރީން މެންޗެސްޓާ ސިޓީ އާއި ރެއާލަށް ކުޅުނު ސްޕެއިނުގެ ފޯވާޑް އަލްވާރޯ ނެގްރޭޑޯ އެވެ.

ބާސެލޯނާ އިން މުޅި މެޗުގައި ކާޑިޒްގެ ގޯލަށް ފޮނުވާލި 21 ހަމަލާގެ ތެރެއިން 10 ބޯޅަ ފޮނުވާލީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޭގެތެރެއިން 5 ބޯޅަ ހުއްޓުވީ ކާޑިޒްގެ ކީޕަރު ޖެރެމިއަސް ލެޑެސްމާ އެވެ.

ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލުން ތިން މެޗަށްފަހު މޮޅެއް ހޯދިއިރު، އެ ޓީމުން މި މެޗަށް ނިކުތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުކްރޭންގެ ޝަހުތަރު ޑޮނެސްކް އަތުން ބަލިވި މެޗުގެ ފުރަތަމަ އެގާރައަށް ދެ ބަދަލެއް ގެނެސްގެންނެވެ.

އެތުލެޓިކޯ މެޑްރިޑާ ރެއާލް ވަޔަޑޮލިޑް ބައްދަލުކުރި މެޗުގެ ތެރެއިން. –ފޮޓޯ: ލަލީގާ.ކޮމް

މި މެޗުގައި ރެއާލުން ޖެހި ގޯލަކީ ސެވިއްޔާގެ ކީޕަރު ޔަސީން ބޯނޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ސެވިއްޔާ އިން ޑޮމިނޭޓްކޮށްގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ޓޯނީ ކްރޫސް އާއި ރޮޑްރީގޯ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސެވިއްޔާ އަށް ލީޑްނަގައިދިނުމަށް ލޫކަސް އޮކަމްޕޯސް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއެވެ. އޭގެފަހުން، ރެއާލުން ލީޑްނެގުމާއެކު ނަތީޖާ ހަމަހަމަކުރުމަށް ސެވިއްޔާގެ ގުޑެލް ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ.

މިއީ ލީގުގައި އަމިއްލަ ދަނޑުގައި ސެވިއްޔާ އެންމެފަހުން ކުޅުނު 15 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި ރޭ އެތުލެޓިކޯ ވަނީ އަމިއްލަ ދަނޑުގައި ރެއާލް ވަޔަޑޮލިޑް އަތުން 2-0 އިން މޮޅުވެ ތާވަލްގެ ކުރިއަށް ޖެހިލާފައެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ފަހު ހާފުގައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ތޯމަސް ލެމާގެ ގޯލުން ލީޑްނެގިއިރު، އޭގެ ފަހުން މެޗުގެ 72 ވަނަ މިނެޓުގައި މާކަސް ލޮރެންޓޭ ވަނީ ލީޑް އިތުރަށް ފުޅާކޮށްދީ ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.