English Edition
Dhivehi Edition

ވަރަށް ގިނަ މީހުން ބުނާ އަޑުއިވެއެވެ. ބައިވެރިޔާގެ ފަރާތުން ލޯތްބާއި އަޅާލުން ނުލިބޭ ވާހަކައެވެ. އެކަކަކު އަނެކަކަށް އިހްތިރާމް ނުކުރާ ވާހަކައާއި ރުޅި އަންނަ ފަހަރު ކުދިކުދި އަނިޔާތައް ކުރާ ވާހަކައެވެ. ދަރިން ކުރިމަތީގައި ޒުވާބުކުރާ ވާހަކައާއި ދަރިންނާއެކު ވަގުތު ހޭދަނުކުރާ ވާހަކައެވެ. އެހެންނަމަވެސް ދަރިންނަށްޓަކައި ވަރިނުވެ ދެމީހުން އެކުގައި އުޅޭ ވާހަކައަކީ އާ ވާހަކަތަކެއް ނޫނެވެ. އެހެންނަމަވެސް މިފަދަ ނުރަނގަޅު ގުޅުމަކުން ދަރިންނަށް ކުރާނީ ފައިދާ ތޯ ނުވަތަ އެ ކުދިންނަށް ލިބިގެންދާނީ އިތުރު ގެއްލުމެއްތޯ ވިސްނާ މީހުން ވަރަށް ވެސް މަދެވެ.

ކޮންމެ މީހަކުވެސް ކައިވެންޏެއްކުރަނީ އުފާވެރި ދިރިއުޅުމެއް ހޭދަކޮށް މަރު ދުވަހަށްދާން ދެން އެކީގައި އުޅުމުގެ ފޮނި އުއްމީދުތަކާއެކުގައެވެ. އެހެންނަމަވެސް ގިނަ މީހުންނަކީ ހަޔާތުގެ ވަކި ހިސާބަކުން މި އުއްމީދުތައް ފުޑުފުޑުވެ ‘ދަރިންގެ ހައްޤުގައި’ އެއްވެސް އުފާވެރިކަމެއް ނެތް ދިރިއުޅުމެއްގައި މުޅި ހަޔާތް ވޭތުކުރަމުންދާ މީހުުންނެވެ. ކުދިން ލިބި ދެމަފިރިންގެ ބައިވެރިވުމާއެކު އެކުދިން ތަރުބިއްޔަތުކޮށް އެ ކުދިންނަށް ސީދާ މަގު ދައްކަންޖެހޭ ދުވަހު ދެމަފިރިންގެ ހަމަނުޖެހޭ ދިރިއުޅުމުގެ ސަބަބުން މިކަމަށް ގިނަ ހުރަސްތަކެއް ކުރިމަތިވެ ދަރިންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ. ދެމަފިރިންގެ މެދުގައި އޮންނަ ފޫހިކަމާއި ރުޅިވެރިކަން ކުދިންނަށް ދައްކަން ބޭނުން ނުވިނަމަވެސް އެ ދެމެދުގައި ލޯބި ނެތްކަމުގެ އިހްސާސް ހުދު ކުދިންނަށްވެސް ކުރެވޭނެއެވެ. ކުދިންނަށް ފެންން ހިސާބުގައި ޒުވާބު ނުކުރިނަމަވެސް އެ ދެމެދުގައި އޮންނަންޖެހޭ އުފާވެރިކަން ނެތްކަމުގެ އިހްސާސް ކުދިންނަށް ކުރެވޭނެއެވެ. މި ކަމުގެ ސަބަބުން ކުދިންނަށް ވަރަށް ގިނަ ނޭދެވޭ އަސަރުކުރާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.

ޑިޕްރެޝަން: އަބަދުވެސް ބޭކާރު ހިޔާލުތައް ކުރެވުމާއި ބޭކާރު ކަންކަމާއި މެދު ވިސްނުމާއި އެކަނި އުޅެން ބޭނުންވުމަކީ އެކުދިންގެ ކިބައިން ފެންނާނެ ކަންތައްތަކެވެ. ނަފްސާނީ ގޮތުން ކުއްޖާ ބަލިކަށިވެ ކަންކަމާ ކަންބޮޑުވާލެއް އިތުރުވެ މިފަދަ ކުދިންނަށް ސްޓްރެސް، ޑިޕްރެޝަން، ހިތް އަވަސްވުން އަދި ޒަމާނަށް ދެމިގެންދާ ނަފްސާނީ ބަލިތައް ޖެހުމަށް މެދުވެރިވެ އެވެ. މީގެ އިތުރުން މީހުންނަށް އިތުބާރުކުރަން އުދަގޫވެ ހަޔާތުގައި ދިމާވާ މުހިއްމު ހާދިސާތައްވެސް އެހެން މީހުންނާއި ހިއްސާކުރަން ބޭނުން ނުވެދާނެވެ.

ގުޅުންތަކާއި މެދު އޮންނަ އިތުބާރު ގެއްލުން: މައިންބަފައިންނަކީ އަބަދުވެސް ދަރިންނަށް ނަމޫނާ ބަޔަކަށް ވާންޖެހެއެވެ. އެހެންނަމަވެސް އެއްވެސް ހަމަޖެހުމެއް އުފާވެރިކަމެއް ނެތް އާއިލާއެއްގައި އުޅެ ބޮޑުވާ ކުދިންނަށް އެއްވެސް ގުޅުމެއްގެ މުހިއްމުކަން އިހްސާސެއް ނުކުރެވޭނެއެވެ. މީގެ އިތުރުން އެއްވެސް ގުޅުމަކަށް އިތުބާރުކޮށް ރަގަޅު ގޮތުގައި ގުޅުންތައް ކުރިއަށް ގެންދިއުމަކީ އެފަދަ ކުދިންނަށް ވަރަށް އުދަގޫކަމެކެވެ. އެއްވެސް މީހަކާ އެކު މާ ގިނަ ދުވަހު ގުޅިގެން އުޅެން މިފަދަ ކުދިން ބޭނުން ނުވުމަކީ ވެސް ވެދާނެ ގޮތެކެވެ

ނުބައި ރައްޓެހިން އިހްތިޔާރުކުރުން: މިފަ ކުދިން ގޭތެރޭގެ ހަމަނުޖެހުންތަކުން ދުރުވުމަށް ނުބައި ރައްޓެހިން އިހްތިޔާރުކޮށް ނުބައި މަގުން ދިއުމަކީވެސް ގާތްކަމެކެވެ. އަދި ގޭތެރޭގެ ހަމަނުޖެހުންތަކުން ދުރުވުމަށް އަބަދު ބޭރުގައި އުޅުމާއި މައިންބަފައިންނާއި އޮންނަ ގުޅުން ކަނޑާލުމަކީވެސް ކޮށްފާނެ ކަންތައްތަކެވެ.

މިފަދަ ހަމަނުޖެހޭ ދިރިއުޅުމެއްގައި އުޅޭ ކޮންމެ ދެމަފިރިއަކުވެސް ފިނި ސިކުނޑިއަކާއެކު އިތުރަށް ވިސްނާލުން ބުއްދިވެރި އެވެ. ވަރިއަކީ ކޮންމެ މީހަކަށް ވެސް ބިރުވެރި ހުވަފެނެއް ފަދަ އެއްޗެއްކަން ޔަގީނެވެ. ދެމަފިރިން ކުރެ އެކަކަށް ވެސް ވަރިއަކީ މާ ފަސޭހަކަމަކަށްނުވާއިރު މީގެން އެންމެ ނޭދޭވޭ އަސަރުތައް ކުރަނީ ކުދިންނަށެވެ. ހަމައެއާއެކު އެއްވެސް އުފާވެރިކަމެއް ނެތް ހިމަނުޖެހޭ ދިރިއުޅުމެއްގައި އުޅޭނަމަވެސް އެކަމުންވެސް އެންމެ އަސަރުކުރަނީ ތިމާމެންގެ ލޯބިވާ ކުދިންނަށެވެ.

ދެ މީހުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރެވި ދަރިންނަށް ރައްކާތެރި އުފާވެރި މާހައުލެއް ހޯދައިދޭށެވެ. އެހެންނަމަވެސް އެފަދަ މާހައުލެއް ހޯދައިނުދެވޭނެކަން ޔަގީންވާނަމަ އެކުދިންނަށް އިތުރު އަނިޔާ ނުދޭށެވެ. މައްސަލަ ހައްލުކުރެވޭ ވަރަށްވުރެ ގޯސް ވެފައިވާނަމަ ވަރިވުމުގެ ކުރިން ކުދިންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދެވޭ ކަހަލަ މާހައުލެއް ގާއިމް ކުރާށެވެ.