English Edition
Dhivehi Edition
ފޮޓޯ:އަވަސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފި އެވެ.

މާދާމާ ހެނދުނު 1030 ގައި ކްރިމިނަލް ކޯޓުން ޒިޔަތުގެ މައްސަލައިގައި އަޑުއެހުމެއް ތާވަލުކޮށްފައިވާއިރު، އޭނާގެ މައްޗަށް ދައުލަތުންވަނީ 32 ދައުވާއެއް އުފުލާފައެވެ.ޒިޔަތު ގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާކުރިކަމުގެ ތުހުމަތުގައެވެ، އެ ދައުވާތަކުގައި ޒިޔަތު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ އަދަދުު 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރަ އެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ކޮންމެ ދައުވާއަކަށް ވަކިވަކިން އޭނާ އިތިރާފްވެފައިވާއިރު، ދައުވާތަކަށް އިއުތިރާފު ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ. އަދި އެ ފައިސާގެ ޗެކްތަކާ އަމިއްލައަށް ހަވާލުވުމަށް ފަހު އެމްއެމްޕީއާރުސީއާ ހަވާލު ކުރުމުގެ ބަދަލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނުވަތަ އޭނާ އެންގެވި ފަރާތްތަކާ އެ ޗެކްތައް ހަވާލު ކޮށްފައިވާނެ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ. އިތުރަށް ޒިޔަތު ވިދާޅުވީ އެ ޗެކްތަކުން ލިބުނު އެއްވެސް ފައިސާއެއް އޭނާއަށް ލިބިފައިނުވާކަމަށާއި އެ ފައިސާ އަދީބު އެންގެވި ފަރާތްތަކާ ހަވާލުކުރަމުން ދިޔައީ ސަރުކާރުގެ އެކި ކަންކަމަށް އެ ފައިސާ ޚަރަދު ކުރާ ކަމަށް އަދީބު ވިދާޅުވެފައިވާތީ ކަމަށެވެ.

އިއުތިރާފު އެއްބަސްވުމުގެ ދަށުން ދައުލަތުން އެދުނީ ޒިޔަތަށްއަދަބެއްގެ ގޮތުގައި ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. 11 އަހަރުގެ ޖަލު ހުކުމެއް ޒިޔަތުގެ މައްޗަށް އިއްވުމަށް ދައުލަތުން އެދިފައިވަނީ، ޚިޔާނާތްތެރިވެފައިވާ ފައިސާގެ އަދަދަށް ބަލައި ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ މަތި ކުރުމަށް ފަހު އަދިި ޒިޔަތު ތަހުގީގަށް އެއްބާރުލުން ދެމުންދާތީ އަދަބުގެ ދެ ދަރަޖަ ދަށް ކުރުމުންނާއި ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުންނެވެ.