English Edition
Dhivehi Edition

“ބުރެވި” ތޫފާނުގެ އަސަރު މިހާރު ރާއްޖެއަށް ކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުން “ސަން” އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ތޫފާން ބުރެވި ވަނީ މިހާރު ސްރީ ލަންކާގެ އިރުމަތީ އައްސޭރި ހުރަސްކޮށް އެއްގަމަށް އަރާފައިކަމަށާއި މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހުޅަނގު އުތުރަށް ދަތުރުކޮށް، ކޮމޮރިން ސަރަހައްދަށް ދަތުރުކުރާނެކަމަށެވެ.

އިތުރަށް މެޓް އޮފީހުން ބުނީ ބުރެވި ތޫފާނު މިހާރު ހުރީ ހއ. ކެލާއާ 770 ވަރަކަށް ކިލޯމީޓަރު ދުރުގައި ކަމަށާއި އެހެންކަމުން އެ ސަރަހައްދުތަކަށް މިހާރު މޫސުން ގޯސްވާން ފަށާފައިވާކަމަށެވެ. ރާއްޖޭގެ ސަރަހައްދަށް މިހާރު މަޑުމަޑުން ވައިގަދަވަމުން އަންނަކަން ފާހަގަކޮށް މެޓުން ބުނީ ތޫފާންގެ ސަބަބުން ރާއްޖޭގެ މޫސުން އާދަޔާ ހިލާފަށް ގޯސްވެދާނެ ކަމަށް ނުބެލެވޭކަމަށެވެ. “ރާއްޖެއަށް އެ ތޫފާނުގެ އަސަރު ބޮޑަށް ކުރާނެ ކަން އެނގޭނީ އެ ތޫފާން ދަތުރުކުރާނެ މަގު ކަށަވަރު ވުމުން” މެޓް އޮފީހުން ބުންޏެވެ.އެ ތޫފާނުގެ ހާލަތު އަދި ދަތުރުކުރަމުންދާގޮތްތައް ވަރަށް ގާތުން މޮނިޓާ ކުރަމުން ގެންދާކަން ފާހަގަކޮށް މެޓުން ބުނީ އެ ތޫފާން ދަތުރުކުރަމުންދަނީ އިންޑިއާ މަތީން އަރަބިއަން ކަނޑުގެ ސަރަހައްދަށްކަމަށް ލަފާކުރެވޭ ކަމަށާއި އިންޑިއާގެ ދެކުނުގެ ސަރަހައްދުން ތިރިވެ އެ ތޫފާނު ދަތުރުކޮށްފި ނަމަ ރާއްޖެއަށް އޭގެ އަސަރު ބޮޑަށް ކުރުން އެކަށީގެންވާ ކަމަށެވެ.

މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ހުރިހާ ސަރަޙައްދަކަށްވެސް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ. އަދި ރާއްޖޭގެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް މެޓުންވަނީ ބުނެފައެވެ. މެޓުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.