English Edition
Dhivehi Edition
ކަނޑު ގަދަ ދުވަހެއް

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭއިރު، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 6 ފޫޓަށް އުފުލިދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުން މިކަން ހާމަކޮށްފައިވަނީ މިއަދު ހަވީރު 18:00 އާ ހަމައަށް މޫސުން ލަފާކޮށް ނެރުނު މައުލޫމާތުގައެވެ.

އެ އޮފީހުން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ. ވައިގަދަވެ ވިލާގަނޑު ބޯވުމުގެ ސަބަބުން ކަނޑުތައް ވެސް ވަރަށް ބޮޑަށް ގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ. އަދި ދެކުނުގެ ކަނޑުތަކުގެ ރާޅުތައް 2 ފޫޓާއި 5 ފޫޓާ ދެމެދުގެ އުސްމިނެއްގައި ހުންނައިރު، އެ ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ކަނޑުތަކުގެ ރާޅުތައް އުފުލި ކަނޑު ގަދަވާނެތީ، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ދަތުރުފަތުރު ކުރުމުގައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.