English Edition
Dhivehi Edition

ހޮރައިޒަން އެކަޑަމީ ޓީޗާސް ޓޯނަމެންޓް ގެ ސެމީފައިނަލް ގެ މެޗްތައް މިއަދު ހަވީރު ފަށައިފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ގެ ފުރަތަމަ މެޗް ގައި ބައްދަލު ކުރީ ޝަރަފުއްދީން ސްކޫލްގެ ޓީމް ބީ އާއި ހިތަދޫ ސްކޫލް ގެ ޓީމް ބީ އެވެ.

ސެމީ ފައިނަލް މެޗް ޝަރަފްވެރި ކޮށްދެއްވީ ދެސްކޫލް ގެ ޕްރިންސިޕަލުންނެވެ. ވަރަށް ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗް ފެށުނީ ފިރިހެން ސިންގަލްސް އަކުންނެވެ. ޝަރަފުއްދީން ސްކޫލް ގެ އަޖޯ ބައްދަލު ކުރީ ހިތަދޫ ސްކޫލް ގެ އަންޝަދާއެވެ. މި މެޗް ފަސޭހަ ކަމާއެކު ކާމިޔާބު ކުރީ 2-0 އިން އަންޝަދެވެ.

ދެވަނައަށް ކުޅުނު އަންހެން ޑަބަލްސް ގައި ޝަރަފުއްދީން ސްކޫލްގެ ރައުފާ އާއި ޔަސްމަން އާއި ބައްދަލު ކުރީ ޚަދީޖާއާއި ނުޒުހާ އެވެ. ސްލޯ ކުޅުމެއް ކުޅެ މިމެޗް 2-0 އިން ކާމިޔާބު ކުރީ ހިތަދޫ ސްކޫލްގެ ޚަދީޖާ އާއި ނުޒުހާ އެވެ. ސެމީ ފައިނަލްގައިވެސް 7 މެޗް ކުޅުމަށް ހަމަޖެހިފައި ވާއިރު މިމެޗްގެ ތިންވަނަ މެޗް ގައި ބައްދަލު ކުރީ ޝަރަފުއްދީން ސްކޫލްގެ އަޖޯ އަދި ނަދީމާއި ހިތަދޫ ސްކޫލްގެ އަންޝަދު އަދި ޕްރަޝާންތެވެ. ވަރުގަދަ މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗް ވަރަށް ފަސޭހަ ކަމާއެކު އަންޝަދާއި ޕުރަޝާންތު ކާމިޔާބު ކުރީ 0-2 އިންނެވެ.

މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ހިތަދޫ ސްކޫލުން ކާމިޔާބު ކޮށްފައިވާއިރު ފައިނަލް ގެ ފުރަތަމަ ޖާގަ ކަށަވަރު ކުރުމަށްޓަކައި ފޮނި އުންމީދާއެކު 4 ވަނަ މެޗުގައި ހިތަދޫ ސްކޫލްގެ ޚަދީޖާ އާއި ޕުރަޝާންތް މިކްސް ޑަބަލްސް ގައި ބައްދަލު ކުރީ ޝަރަފުއްދީން ސްކޫލްގެ މުޙައްމަދާއި ޒީނާއާއެވެ. މި މެޗް ސީދާ 0-2 އިން ކާމިޔާބުކޮށް ހޮރައިޒަން އެކަޑަމީގެ ޓީޗާސް ޓޯނަމެންޓްގެ ފައިނަލް މެޗްގެ ފުރަތަމަ ޖާގަ ހިތަދޫ ސްކޫލްގެ ޓީމް ބީ އިން ވަނީ ކަށަވަރުކޮށްފައެވެ.

މި މުބާރާތުގެ ފައިނަލްގައި ހިތަދޫ ސްކޫލާއި ބައްދަލު ކުރާ ޓީމް ކަށަވަރު ވާނީ މިރޭ 20:00 ގައި ކުޅެވޭ ސެމީގެ ދެވަނަ މެޗުންނެވެ. މި މެޗްގައި ބައްދަލު ކުރާނީ ފޭދޫ ސްކޫލާޢި އައްޑޫ ހައި ސްކޫލެވެ.

މި މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މާދަމާ ރޭ 20:00 ގައެވެ.