އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕް ކޮލިފައިންގައި ސެނެގާލްއާއި ދެކުނު އެފްރިކާ ބައްދަލު ކުރި މެޗު ކެންސަލްކޮށް ރެފްރީ މުޅި އުމުރަށް ސަސްޕެންޑުކުރަން ފީފާއިން ނިންމައިފިއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ނޮވެމްބަރު މަހު ސެނެގާލް 2-1 ލަނޑުން ދެކުނު އެފްރިކާ ބަލިކުރި މެޗު އަލުން ކުޅެން ފީފާ އިން ނިންމާފައި މިވަނީ ރެފްރީގެ އަމަލުތައް ހުރި ގޮތުން މެޗުގެ ނަތީޖާއަށް ރެފްރީ ބަދަލުތަކެއް ގެނެސްފައިވާކަމަށް ބުނެއެވެ.
ފީފާއިން ސެނަގާލް އާއި ސައުތް އެފްރިކާގެ މެޗުގެ ރެފްރީ ޖޯސެޕް އޮޑާޓޭ ލަމްޕްޓޭ މުޅި އުމުރަށް ސަސްޕެންޑު ކުރި ކަމުގައި ވީނަމަވެސް އޭނާ މެޗުގައި ކޮށްފައިވަނީ ގޯސްކޮށް ކޮށްފައިވަނީ ކޮންމަކެއް ކަމެއް ފީފާއިން އަދި ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް ފީފާއިން މީގެ ކުރިން ނެރެފައިވާ ބަޔާނެތްގައި ބުނެފައިވަނީ ސެނެގޯލް އާއި ދެކުނު އެފްރިކާ މެޗުގެ ރެފްރީ އޮޑާޓޭ ފަރާތުން އެ މެޗުގައި ފެނުނީ އެންމެ ރަނގަޅު ނިންމުތަކެއް ނޫންކަމަށާއި ފީފާއިން މިމައްސަލަ ބެލި ބެލުމުގައި ލަމްޕްޓޭ ވަކި ޓީމެއްގެ ކޮޅަށް ޖެހިފައިވާކަން ވަނީ ސާބިތުވެފައިވާކަމަށާއި މި މައްސަލައިގައި ފީފާއިން ނިންމާފައިވަނީ ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ޖޯސެޕް އޮޑާޓޭ ލަމްޕްޓޭ ސަސްޕެންޑްކުރުމަށްކަމަށެވެ.
ސައުތް އެފްރިކާ އާއި ސެނެގާލްގެ ރިޕްލޭ މެޗު އަލުން ކުޅޭނީ މިއަހަރުގެ ނޮވެމްބަރު މަހުގެ އިންޓަނޭޝަނަލް ބްރޭކު ތެރޭގައެވެ. ނަމަވެސް އަދި މި މެޗު ކުޅޭނެ ވަކި ތާރީހެއް ކަނޑާއަޅާފައެއް ނުވެއެވެ.