ކޮވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޭނުމަށް ތެޔޮ ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަންގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންވެސް ބައިވެރިވިކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ޝާހިދު ވިދާޅުވީ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތައް ފާހަގަ ކުރެވުނީ ގާތްގަނޑަކަށް މަހެއްހާދުވަސް ކުރިން ކަމަށެވެ. އަދި އެކަން އެނގުމާއި އެކު ގޭގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންވެސް ނެރެ ކޮންމެ މަހަކު އެއްފަހަރު ހަދަމުންދާ ފިއުލް ކޮންސަމްޕްޝަން ރިޕޯޓް، އޭގެ ކުރީގެ ތިން މަހުގެ ރިޕޯޓާއި އެއްކޮށް އެކުލަވާލާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ،”އޭގެ ކުރީގެ ތިން މަހުގެ ރިޕޯޓާއި އެއްކޮށް އެކުލަވާލާ ނެރުނު، ރިޕޯޓުން އާންމު އުސޫލުން ތެޔޮ ގަންނަ ވަރަށްވުރެ ބޮޑު އަދަދަކުން ގަނެވިފައި ހުންނަ ކަން މެނޭޖްމަންޓަށްވެސް ފާހަގަ ކުރެވިފައިވަނީ.” ޝާހިދު ވިދާޅުވިއެވެ.
އިތުރަށް ޝާހިދު ވިދާޅުވީ އެކަމާ ގުޅިގެން ފައިނޭންސް ޑިޕާޓްމަންޓުން ނެރުނު ރިޕޯޓަށް ބޭސްކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން އެކަމުގައި މައްސަލައެއް އުޅޭކަމަށް ފާހަގަ ކުރެވިގެން، އެޑިޕާޓްމަންޓާއިއެކު މަޝްވަރާކޮށް އެކަން ހިނގާފައިވާގޮތް އިންޓާނަލް އޮޑިޓްގައި އޮޑިޓް ކޮށްދިނުމަށް އެދި ރިޕޯޓްކޮށްފައިވާނެ ކަމަށެވެ.އަދި އިންޓާރނަލް އޮޑިޓުން އޮޑިޓް ޕްރޮސެސްއެއް ފަށާފައިވާނީ އޮޑިޓް ކޮމިޓީގެ ލަފާގެ ދަށުން ބޯޑުމެންބަރުންވެސް ޝާމިލު ވެގެން ކަމަށާއި އޮޑިޓުން އައިޑެންޓިފައި ކުރެވުނު ކަންތައްތަކުން ޑޮކިއުމެންޓްތަކެއް ފޯޖްކޮށްފައި ހުރިކަންވެސް ފާހަގަކުރެވިފައިވާކަމަށް ޝާހިދުވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ތަހުޤީގު ކުރިއަށް ގެންދިޔައިރު އެކަމުގައި ޝާމިލްވާ މުވައްޒަފުންގެ ތެރެއިން ބައެއް މުއައްޒަފުން މަސްއޫލިއްޔަތުން އެކަހެރިކޮށް ގެއަށް ފޮނުވާލާފައިވާނެކަމަށާއި އެކަމާ ގުޅުންހުރި މުވައްޒަފުންގެ ނެގި ބަޔާނުގެ ތެރެއިން ލޮކްޑައުންގެ ތެރޭގައި އެކަން ކުރަމުންގެންދާކަން އެއް މުވައްޒަފަކު އިއުތިރާފްވެފައިވާކަމަށެވެ. އަދި އެ ކަން ކުރަނީ ތެޔޮ ސަޕްލައި ކުރާ ފަރާތްކަމުގައިވާ، އެސްޓީއޯގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައިގެ ބައެއް ފަރާތްތަކާއި ގުޅިގެންކަމަށް ވެސް ބަޔާންދީފައިވާކަމަށް ޝާހިދުވަނީ ވިދާޅުވެފައެވެ.
މިހުރިހާ ހޯދުންތަކާއެކު އޮޑިޓް ރިޕޯޓް އޮޑިޓް ކޮމިޓީގައި މަޝްވަރާކޮށް ބޯޑަށް ހުށަހެޅުނީ ރިކޮމެންޑޭޝަންތަކަކާއި އެކު ކަމަށާއި އެ ރިކޮމަންޑޭޝަންތަކަކީ މިހާރު ހޯދިފައި ހުރި ހޯދުންތަކުން އަދި އިތުރަށް އިންވެސްޓިގޭޓްކުރަންޖެހޭކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ ޑޮކިއުމަންޓްތަކެއް ފޯޖް ކޮށްފައި ހުރުމުން އެއީ ޖިނާއީ މައްސަލައަކަށްވެސް ވާތީ މޯލްޑިވްސް ޕޮލިސް ސާރވިސްއަށް މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.