English Edition
Dhivehi Edition
އެމްއެންޑީއެފްގެ ލޯންޗެއް - ފޮޓޯ: އެމްއެންޑީއެފް

ދިވެހިރާއްޖޭގެ ހާއްސަ އިޤުތިޞާދީ ސަރަހައްދަށް ވަދެ ގަވައިދާއި ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސް ބޯޓެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިއްޔެ ކ.މާފުށިގެ އިރުން 140 ނޯޓިކަލް މޭލުން، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ “އަސުރުމާ 03” ދޯނިން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކުރުމާއި ގުޅިގެން އެމްއެންޑީއެފުންވަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާއްސަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޑޯނިއާ ފްލައިޓް ވައިގެ މަގުން މަސްބޯޓު އޮތް ސަރަޙައްދު ދެނެގަނެފައިވާ ކަމަށެވެ. އަދި އިންޑިއާއިން ރީފިޓުގެ މަސައްކަތް ނިންމާ ރާއްޖެއަށް ދަތުރު ކުރުމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީ ގެ މިސްރާބު ބޭރުގެ މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ ބޯޓު، ކޯސްޓުގާޑް ޝިޕް ހުރަވީ ގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އިތުރަށް އެމްއެންޑީއެފް އިން ވިދާޅުވީ އެ މަސްބޯޓުގައި ހަ ފަޅުވެރިން ތިބި ކަމަށާއި އެ ބޯޓު މިހާރު ދަނީ މާލެ އަށް ދަތުރު ކުރަމުން ކަމަށެވެ.އެ ބޯޓަށް މާލެ އަށް ވަދެވޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.