English Edition
Dhivehi Edition

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތް ހިންގިއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޒިޔަތު އޭނާގެ މައްޗަށް ކުރާ ހުރިހާ ދައުވާއަކަށް އިއުތިރާފުވެފައި ވުމާއިއެކު، އެމައްސަލަތަކުގެ ހުކުމްކުރުން ތާވަލުކޮށްފިއެވެ.

ޒިޔަތުގެ މައްޗަށް ހުކުމް ކުރުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހަށެވެ. ޒިޔަތުގެ މައްޗަށް ދައުވާ ކުރާ މައްސަލަތަކާއި ގުޅިގެން ބޭއްވި އެންމެ ފަހު އަޑުއެހުމުގައި އޭނާ ވަނީ ދައުލަތާއެކު އަދަބަށް ލުއިދިނުމުގެ އެއްބަސްވުމެއް ހަދައި، އޭނާގެ މައްޗަށް ކުރާ 32 ދައުވާއަށް އިއުތިރާފުވެފައެވެ. އެ އެއްބަސްވުމާއި ބެހޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ އެ އެއްބަސްވުން ހަދާފައިވަނީ ފުލުހުންނާއި އޭސީސީގެ އިތުރަށް ރިޔާސީ ކޮމިޝަނުގެ މަޝްވަރާއާއެކު ކަމަށެވެ.

ޒިޔަތު އޭނާގެ މައްޗަށް ކުރާ ދައުވާތަކަށް އިޢުތިރާފްވެފައި ވަނީ ޅ.މާބިންހުރާގެ މައްސަލާގައި 8 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރުމުން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ. އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ޑރ.މުޙައްމަދު އިބްރާހީމް ވަނީ ޖަލު ހުކުމުގެ އިސްތިއުނާފް އަނބުރާ ގެންދިއުމަށް އެދި ޒިޔަތުގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާކަމަށް ވިދާޅުވެފައެވެ. އެފަދަ ސިޓީއެއް ފޮނުވާފައިވާނެތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން ޒިޔަތު ވަނީ އެފަދަ ސިޓީއެއް ފޮނުވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެއީ އަމިއްލަ އިޚްތިޔާރުގައި އެއްވެސް މަޖުބޫރުކަމެއް ނެތި ފޮނުވާފައިވާ ސިޓީއެއްކަމަށާއި، ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން ނިންމެވި ނިންމުމެއްކަމަށްވެސް ޒިޔަތު ވަނީ ޝަރީއަތުގެ އެ މަޖިލީހުގައި ވިދާޅުވެފައެވެ.

މިއަދު ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ޒިޔަތު ޝަރީޢަތަށް އެއްބާރުލުންދީ އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ކުރާ ހުކުމަށް ލުއިދޭން ނިންމާފައިވާކަމަށް ދައުލަތުގެ ވަކީލުންވަނީ ވިދާޅުވެފައެވެ. އެގޮތުން ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ 32 ދައުވާގެ އަދަބަކީ 11 އަހަރަށް ޖަލަށްލުން ކަމަށް ދައުލަތުގެ ވަކީލުން މިއަދު ނިންމާފައިވެއެވެ. އަދި މިއަދަދާއި މެދު އެއްވެސް އިއުތިރާޒެއް ނެތްކަމަށް ޒިޔަތުގެ ދިފާއީ ވަކީލު ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.

ޒިޔަތުގެ މައްޗަށް ކުރާ ކޮންމެ ދައުވާއެއްގެ ހުކުމަކީ 7 އަހަރާއި 2 މަހާއި 12 ދުވަހެވެ. އަދި އައު ޤާނޫނުލް ޢުޤޫބާތުގެ 1006 ވަނަ މާއްދާގެ ދަށުން އެއް ދައުވާ އަށް ވުރެ ގިނަ ދައުވާތައް ކުރާނަމަ ދެން ކުރާ ދައުވާގެ ހުކުމަކަށް ވާނީ ފުރަތަމަ ކުރާ ދައުވާގެ ދެބައިކޮށްފަ އެއްބަޔެވެ. އެއަށްފަހު ކުރާ ދައުވާގެ ހުކުމަކީ ފުރަތަމަ ދައުވާގެ ހަތަރުބައިކޮށްފަ އެއްބަޔެވެ. މި އުސޫލުން ޒިޔަތުގެ މައްޗަށް ކުރާ 12 ވަނަ ދައުވާގެ ހުކުމަކީ އެއް ދުވަހުގެ ޖަލު ހުކުމްކަމަށް ދައުލަތުގެ ވަކީލުން މިއަދު ވިދާޅުވިއެވެ. އަދި ބާކީ 20 ދައުވާއަށް ޒިޔަތުގެ މައްޗަށް މި މާއްދާގެ ދަށުން ހުކުމެއް ނާންނާނެކަމަށްވެސް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ފައިސާތަކަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް މިހާރުވެސް ޒިޔަތު ތަންފީޒުކުރަމުންދާއިރު އޭނާ މިހާރު ހުރީ ޖަލު ބަންދުން ގޭބަންދަށް ބަދަލުކޮށްފައެވެ،