English Edition
Dhivehi Edition
ބައްސާމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ހިންގުން ވަގުތީ ގޮތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމްއާ ހަވާލުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ފާތިމަތު ތައުފީގު (ކުޑީ) ވަކި ކުރުމާ ގުޅިގެން އެ ކުންފުނީގެ ހިންގުން ވަގުތީ ގޮތުން މިއަދުން ފެށިގެން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމްއާ ހަވާލުކޮށްފައިވާ ކަމުގައި ޕީސީބީން ބުނެފައިވެއެވެ.

އެހެންނަމަވެސް، އެމްއެމްޕީއާރްސީގެ ހިންގުން ވަގުތީ ގޮތުން ބައްސާމްއާ ހަވާލުކޮށްފައިވާއިރު، އޭނާ އެ ކުންފުނީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ބައެއް މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.

އެމްއެމްޕީއާރުސީއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ، އެ ކުންފުނީގެ މުވައްޒަފުންނަށް ކުރި ޖިންސީ ފުރައްސާރައާ ގުޅޭ މައްސަލައެއް އެއްވެސް މުވައްޒަފަކު ރަސްމީކޮށް ހުށަހަޅާފައި ނުވާނެ ކަމަށެވެ. ނަަމަވެސް އެ ވާހަކަތަކުގެ ސައްހަކަން ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޑިސިޕްލިނަރީ ކޮމިޓީގެ ތަހުގީގަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވެސް އެ ކުންފުނިން އޭރު ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ ފެންވަރުގައި ތަރައްގީކޮށް، އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ރަސްމީކޮށް ކުރިއަށްގެންދާ ސަރުކާރުގެ ކުންފުންޏެކެވެ.

މި ހަފުތާގެ ތެރޭގައި އެމްއެމްޕީއާރްސީ ބޯޑުން ދެ ބޭފުޅަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރެއިން ޖަނާހުއާއި، ބޯޑުގައި މަޓީ ތަމްސީލުކުރި މެމްބަރު ރާފިލް މުހައްމަދު ހިމެނެއެވެ. ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.

ކުޑަ މުއްދަތެއްގެ ތެރޭގައި އެމްއެމްޕީއާރުސީގެ އިސްވެރިން ބަދަލުވަމުން އަންނައިރު، މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް އަސަރުކޮށްފާނެ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.