English Edition
Dhivehi Edition

އޭއެފްސީ އިން ކުރިއަށް ގެންދިޔަ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބޭއްވި ޗެލެންޖު ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގް، ދަގަނޑޭ ކާމިޔާބުކޮށްފިއެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖުއަކީ އޭއެފްސީ ކަޕުގައި ޖަހާފައިވާ މޮޅެތި ގޯލްތަކުގެ މެދުގައި ކުރިއަށްގެންދާ ޕޯލެކެވެ. ދަގަނޑޭ މި ޗެލެންޖް ކާމިޔާބުކޮށްފައި މިވަނީ ފައިނަލްގައި ޗައިނާގެ ސައުތް ޗައިނާ އޭއޭގެ ކުޅުންތެރިޔާ ޗަން ސުއި ކީއާ އާއި ބައްދަލުކޮށް އޭނާ ބަލިކޮށްގެނެވެ. އޭއެފްސީގެ ވެބްސައިޓްގައި ކުރިއަށްގެންދިޔަ މިޕޯލްގައި ދަގަނޑޭ ވަނީ 89.14 އިންސައްތަ ވޯޓު ހޯދައިފައެވެ. އަދި ޗަން ސުއި ކީއާ އަށް ލިބިފައިވަނީ 10.86 އިންސައްތަ ވޯޓެވެ.

މި ޗެލެންޖްގައި ދަގަނޑޭގެ ފަރާތުން ބައިވެރިކޮށްފައިވަނީ 2013 ވަނަ އަހަރު އޭނާ ނިއުގެ ޖާޒީގައި އިންޑޮނޭޝިޔާގެ ކްލަބެއްގެ ކޮޅަށް ޖަހާ ދިން ހުނަރުވެރި ލަނޑެވެ.

މި ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވަނީ ވާދަ ކޮށްފައެވެ. މުބާރާތުގައި ވާދަ ކުރާނެ ގޯލްތައް ހޮވާފައިވަނީ އޭއެފްސީ ކަޕްގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކުންނެވެ.

ދަގަނޑޭ ވަނީ އޭއެފްސީ ބްރެކެޓް ޗެލެންޖުން އޭނާ މޮޅުކޮށްދިނުމަށް އޭނާއަށް ވޯޓުދިން ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.